އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އުތުރު ކޮރެއާގެ ރައީސް އާއި އެކު ފޯނުން ވާހަކަ ދައްކަވަން ފުރުސަތު ލިބިއްޖެނަމަ ވާހަކަ ދައްކަވާނެ ކަަމަށް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް މިހެން ވިދާޅުވީ މެރީލޭންޑުގައި ހުންނަ އެމެރިކާ ރައީސްގެ ޗުއްޓީ ގެކޮޅުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެނާ ވިދާޅުވި ގޮތުގައި އުތުރު ކޮރެއާގެ ލީޑަރާ ފޯނުން ދެއްކެވުމަށް މިހާރު ވެސް ތައްޔާރު ކަމަށެވެ. ނަމަވެސް ޝަރުތު ތަކެއްގެ މަތިން ކަން ވަނީ ފާހަގަ ކޮއްފައެވެ.
އެނާ އިތުރަށް ވިދާޅުވި ގޮތުގައި ދެކޮރެއާ ދެމެދު އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޝްވަރާ ބައްދަލުވުމުން ރަނގަޅު ނަތީޖާ އެއް ނެރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އުތުރު ކޮރެއާއިން ވަނީ މިދިޔަ ހުކުރު ދުވަހު ދެކުނު ކޮރެއާއިން ކުރި މަޝްވަރާގެ ދައުވަތު ގަބޫލުކޮށްފައެވެ. އުތުރު ކޮރެއާއިން މަޝްްވަރާ ތަކުގައި ބައިވެރިވުމަށް އެއްބަސްވެފައި ވަނީ އެމެރިކާ އަދި ދެކުނު ކޮރެއާއިން ކުރަން ހަމަޖެހިފައި އޮތް އަސްކަރީ ތަމްރީނުތައް ފަސް ކުރިތާ މާގިނަ ގަޑިއިރުތަކެއް ނުވެއެވެ.
މި މަޝްވަރާތައް ވެގެންދާނީ ދެކޮރެއާ ދެމެދު ފާއިތުވި ދެއަހަރު ތެރޭގައި ވެސް ކުރެވޭ ރަސްމީ ފުރަތަމަ މަަޝްވަރާއަށެވެ.
މި މަޝްވަރާ ތަކުގައި ކުރިއަށް އޮތް ވިންޓާ އޮލިމްޕިކްސްގައި އުތުރު ކޮރެއާގެ ވަފްދެއް ބައިވެރި ވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ. އަދި ދެކޮރެއާ ދެމެދު ގުޅުން ރަނގަޅު ކުރުމާ ބެހޭ ގޮތުުންވެސް މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެއެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި ދެކޮރެއާ ދެމެދު މަޝްވަރާ ތަށް މިހާރު ފެށިފައިވަނީ އެނާ ދޫނުދީ އެޅި ފިޔަވަޅު ތަކުގެ ސަބަބުންނެވެ.
“މިހާރު އެމީހުން އެވާހަކަ ދައްކަނީ އޮލިމްޕިކްސްއާ ބެހޭގޮތުން. މިއީ ފެށުމެއް. އަހަރެން ނެތްނަމަ އެމީހުން (ދެކޮރެއާ) އެއްގޮތަކަށް ވެސް ވާހަކަ އެއް ނުދައްކާނެ” ޓްރަމްޕް ވިދާޅުވިއެވެ.