English Edition
Dhivehi Edition
ރައީސް ޑރ،.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ދިވެހި މުޖުތަމައަކީ ޤުރްއާނާ ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމަޢަކަށް ބަދަލުކުރުމުގައި ހުރިހާ ފަރާތްތަކުން ބައިވެރިވެވަޑައިގެން، އެއްބާރުލެއްވުން ދެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވަނީ ނިޔަތާއި ބަހާއި އަމަލުން އިސްލާމްދީނުގައި ސާބިތުވެތިބުމަށް ވެސް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

ދިވެހީން އިސްލާމްދީން ބަލައިގަތުމުގައި ހިމެނޭ ދުނިޔެވީ ސަބަބެއްކަމަށް ފެންނަން އޮތީ އިސްލާމްދީން ގެނެސްދޭ އަމާންކަމާއި ރައްކާތެރިކަންކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ، ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރިފައިވާ ދުވަސްވަރަކީވެސް މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ ގޯނާކުރަމުން އައި ދުވަސްވަރެއްގައިކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަހްލާގީ ސިފަފުޅުތަކުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދޮގު ހެދުމާއި، ދޮގު ހަބަރުފެތުރުމާއި، ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން އަޒުމު ކަނޑައެޅުމަށާއި ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭކަން ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.