ފުވައްމުލަކުގެ މަގު ބައްތިތައް “ސްމާޓް ލައިޓިން” އަށް ބަދަލުކުރުމުގެ ގޮތުން ޓެސްޓު ކުރަން ހިންގާ ޕައިލެޓް ޕްރޮޖެކްޓް ފަށައިފި އެވެ.
ފުވައްމުލަކު ކައުންސިލުން އިސްނަގައިގެން ފެށި މި ޕްރޮޖެކްޓްގެ ދަށުން މިދިޔަ ސެޕްޓެމްބަރުގައި ވަނީ ސްމާޓް ދެ މަގުބައްތި ހަރުކޮށް ބޭނުންކުރަން ފަށާފަ އެވެ. މިއީ ފުވައްމުލަކު ކައުންސިލުން އިސްނަގައިގެން ޒަމާނީ ރަށަކަށް ފުވައްމުލައް ބަދަލުކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެކެވެ.
މި ޕްރޮޖެކްޓްގެ ދަށުން މަގު ބައްތިތަކާއި އާންމު ތަންތަނުގައި ހުންނަ ބައްތިތައް ދިއްލުމާއި ނިއްވުމާއި ބައްތިތަކުގެ އަލި ކޮންޓްރޯލް ކުރުމުގެ އިތުރުން ބައްތިއަށް ދިމާވާ މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
މިއީ ކައުންސިލް ބަޖެޓުން ފެށި މަސައްކަތެއް ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ޕްރޮޖެކްޓަށް އެހީ ހޯދުމަށް ފަންޑުދޭ ފަރާތްތަކުގެ އެހީ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މީގެއިތުރުން ޕްރޮޖެކްޓާއި ބެހޭ ގޮތުން ކައުންސިލުން ބުނީ އެ ބައްތިތައް އާންމު މަގު ބައްތިތަކަށް ވުރެ ތިމާވެއްޓާއި ރަށްޓެހި ވާތީ ކުރަންޖެހޭ ހަރަދު ކުޑަކުރެވޭނެ ކަމަށާއި އެގޮތުން އަހަރެއްގެ މައްޗަށް އެއް މިލިއަނާއި ދެ މިލިއަން ރުފިޔާ ދެމެދުގެ އަދަދެއް ހަރަދުން ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ލައިޓްތައް ޓެސްޓު ކުރުމުގެ ގޮތުން މިހާރު ސިޓީގެ ދެ މަގެއްގެ ބައްތި އާއި ކުޅިވަރު ކުޅޭ ހަތަރު ދަނޑުގައި ހުރި 20 ބައްތި “ސްމާޓް ލައިޓަށް ބަދަލުކޮށްފައި ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ޓެސްޓްތަކަށް ފަހު އަންނަ އަހަރުން ފެށިގެން ބައްތިތައް ސްމާޓް ލައިޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. ފުވައްމުލަކު ކައުންސިލްގެ ޕްލޭނަކީ ދެ އަހަރު ތެރޭ ސްމާޓް ލައިޓަށް ބަދަލުކޮށް ނިންމާލުމެވެ.