ފުވައްމުލަކުގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ ސެންޓަރެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ.
ބިލްޑް، ފައިނޭންސް އަދި އޮޕަރޭޓް ޕަބްލިކް-ޕްރައިވެޓް ޕާޓްނާރޝިޕްގެ އުޞޫލުން ފުވައްމުލަކުގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ ސެންޓަރެއް ތަރައްޤީ ކުރުމަށް ނިންމައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލައިފިއެވެ.
މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާދީއްތަ ދުވަހު އާއްމު ކުރާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.
މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ލިބޭނެއެވެ. މިކަމަށް ޝަޢުޤުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން 2023 އޭޕްރީލް 27 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ނިޔަލަށް “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް”، ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.
އިތުރު މަޢުލޫމާތު ފިނޭންސް މިނިސްޓްރީން ލިބޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.
ފުވައްމުލަކުގައި އަޅާ ޓިވެޓް ސެންޓަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގައި ހިމެނޭ މަސައްކަތެކެވެ. މި މަޝްރޫޢަކީ މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުޞޫލުން ހިންގާ ޕްރޮޖެކްޓެކެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި އިންސްޓިޓިއުޓުގައި އިންޖިނިއަރިންގ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ވޯކްޝޮޕްތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުން ކޯސް ހިންގުމަށް މަލްޓި-ޕާޕަސް ވޯކްޝޮޕާއި، ކިޔަވައިދޭ ކްލާސް ރޫމާއި، އައި.ސީ.ޓީ ލެބޯޓަރީ ހުންނާނެކަމަށެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްސަ ސަރަޙައްދަކާއި، ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްސަ ސަރަޙައްދެއްގެ އިތުރުން އޮޑިޓޯރިއަމަކާއި، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި، ލައިބްރަރީ ވެސް ހުންނާނެއެވެ.
މީގެ އިތުރުންވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ ގޮތްތައް މަގުފަހިވެފައި ހުންނާނެއެވެ.
ފުވައްމުލައް ސިޓީގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ ސެންޓަރެއް ތަރައްގީ ކުރަން ނިންމާފައިވާއިރު، ކުޅުދުއްފުށި ސިޓީގައިވެސްވަނީ ޒަމާނީ ފެންވަރުގެ ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އިޢުލާންކޮށްފައެވެ.