English Edition
Dhivehi Edition
ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގައި ތާރުއަޅަން ފެށުން.ފޮޓޯ: ފުވައްމުލައް ކައުންސިލް މީޑިއާ

ފުވައްމުލަކުގެ އެތައް ބައެއްގެ އުއްމީދާއި ގުޅިފައިވާ އެސިޓީގެ އެތެރޭގެ މަގުތަކުގައި ތާރުއަޅަން ފަށައިފިއެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މަގު ހެދުމުގެ މި މަޝްރޫއުގެ ތެރެއިން ތާރު އެޅުން ފައްޓަވައިދެއްވީ މޭޔަރު އިސްމާއިލް ރަފީގެވެ. އޭގެއިތުރުން ފުވައްމުލަކުގެ ގިނަ ބަޔަކުވަނީ އެކަމުގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން ތާރުއެޅުން ފެށި “ނެރެގަނޑު” ސަރަޙައްދަށް އެއްވެ މަގު ހަދާމީހުންނަށް ދެކުންވެސް ކޮށްފައެވެ.

ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގައި ތާރުއަޅަން ފެށުމުގެ ރަސްމިއްޔާތުގެ ތެރޭ އިން ދެކުން ކުރުން
.ފޮޓޯ: ފުވައްމުލައް ކައުންސިލް މީޑިއާ

ސަރުކާރުން ހިންގާ މަގު ހެދުމުގެ މި މަޝްރޫޢަކީ 279 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއުގެ ދަށުން، 122،659 ސްކުއެއާ މީޓަރުގެ ސަބް ބޭސް އެއް ހަދައި، 95،239 ސްކުއެއާ މީޓަރުގައި ތާރު އަޅާނެއެވެ. އަދި ، އެންމެ ޒަމާނީ ފެންވަރަށް މަގު ހަދާނިމޭއިރު ޕޭވްމެންޓް ހަދައި ، މަގު ބައްތި ހަރުކޮށް، ފެން ހިންދާ ނިޒާމު ގާއިމްކުރެވިގެންދާނެއެވެ. މިމަޝްރޫޢުގެ ދަށުން ފުވައްމުލަކުގެ 37 މަގެއް ހަދާނިންމާނެއެވެ.

ފުވައްމުލަކަކީ ރަށުގެ ބޮޑުބައެއް ޗަސްބިމުގެ ގޮތުގައި އޮތުމުގެ ސަބަބުން ވިއްސާރަވެ ވާރޭވެހިއްޖެ ނަމަ ގޯތިތަކާއި މަގުތަކުގައި ފެންބޮޑުވެ އެކަމުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް އެތައް ގޮތަކުން ގެއްލުން ކުރިމަތިވާ ރަށެކެވެ.13000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ފުވައްމުލައް ސިޓީގެ މަގުތަކުގައި ފެންހެދޭ މައްސަލައަށް މަގު ހެދުމުގެ މި މަޝްރޫޢާއެކު އެދެވޭ ޙައްލެއް ލިބިގެން ދާނެއެވެ.

ފުވައްމުލައް އެތެރޭގެ މަގުތަކުގައި ތާރު އެޅުމުގެ ރަސްމިއްޔާތު މޭޔަރ ފައްޓަވައި ދެއްވަނީ

ފުވައްމުލަކުގެ ބޭރުން އޮންނަ ރިންގް ރޯޑު ނުވަތަ ނައިބު ތުއްތު ހިނގުމުގައި މީގެ ކުރިން ވަނީ ތާރު އަޅާފައެވެ.