އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ތަގުރީރު އދ.ގެ އާންމު މަޖިލީހުގައި ފެށުމާއެކު، އެ މަޖިލިސް ދޫކޮށް ދިޔަ ގިނަ ގައުމުތަކާއެކު ރާއްޖެއިން ވެސް މަޖިލިސް ބޮއިކޮޓްކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރްޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު” އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރަން ފެށުމުން އެ ތަނުން ރާއްޖޭގެ ވަފުދު ނުކުތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނާ މެދު ގެންގުޅުއްވާ ހާއްސަ ކަމާއި އެ ގައުމުގެ ހައްގުގައި އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.
އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުންނާއި މިހާރު ލުބުނާނަށް ދެމުން އަންނަ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުންމަޖިލީހަށް ގޮސް ތިބި ގިނަ އަދަދެއްގެ ވަފުދުތައް ވަނީ މާލަން ދޫކޮށް ނިކުމެފައެވެ.
އދ.ގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައެވެ. އަދި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވިދާޅުވީ ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ އދ.ގައި ބައްދަލުކުރައްވައި ރައީސްވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަންވެސް ދެއްވާފައި ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގެ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިން މަރަމުން އެ ހިންގަނީ ޓެރަރިޒަމް ކަމަށެވެ. އެ ކަންކަމަށް ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.