English Edition
Dhivehi Edition
ބާޒާރުމަތީ ފިހާރައަކަށް މުދާ ބާލަނީ - ފޮޓޯ: މިހާރު

މިއަހަރުގެ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހު، ދުވާލު މުދާ އުފުލޭނީ ވަކި ގަޑިތަކެއްގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެންގުމާ ޚިލާފުވާ ނަމަ، 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި މުދާ އުފުލޭނީ ހެނދުނު 9 އިން ފެށިގެން ހަވީރު 4:30 އަށް ކަމަށެވެ.

” ރޭގަނޑު 8 އިން ފެށިގެން ހެނދުނު 6 އަށް ހުރިހާ ބާވަތެއްގެ މުދާ ވެސް އުފުލޭނެ. އަދި ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ.” އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ހަވީރު 4:30 އިން ރޭގަނޑު 8 އަށް އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާ ކަމެއް ކަމަށެވެ.

މިއަހަރުގެ ރަމަޟާން މަހު މުދާ އުފުލާ އުޅަނދުތައް ބްރިޖަށް އެރޭނެ ވަގުތުތަކަކީ ހެނދުނު 9 އިން ފެށިގެން ހަވީރު 4 އަށް އަދި ދަންވަރު 1 އިން ފެށިގެން ހެނދުނު 6 އަށް ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި ބްރިޖު ހުރަސްކޮށް މުދާ އުފުލޭނެ ކަމަށް ވެސް ޓްރާންސްޕޯޓުން ބުނެއެވެ.

އެ ވަގުތުތަކުގައި އުޅަނދުތަކަށް ބްރިޖަށް އެރޭނީ މާލޭ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށް ވެސް ބުނެއެވެ.

އެ ނޫން ވަގުތުތަކުގައި ބުރިޖު މަތިން މުދާ އުފުލުމަކީ މަނާ ކަމެއް ކަމަށާއި ހެނދުނު 9 އިން ފެށިގެން ހަވީރު 4 އަށް އަދި ރޭގަނޑު 8 އިން ހެނދުނު 6 އަށް ފެނާއި ކައްކާ ގޭސް ބްރިޖު މަތިން އުފުލޭނެ ކަމަށް ވެސް ބުނެއެވެ.