English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ - ފޮޓޯ: އޭދަފުށި ޓައިމްސް

މިދުވަސްވަރަކީ މޫސުން ގޯސްވެ އަދި ކަނޑު ވެސް ގަދަ ދުވަސްވަރަކަށް ވެފައި މޫސުމާބެހޭ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދުތަކަށް ސަމާލު ނެރެފައިވާތީ ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރައްވައި މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް ފުލުހުން އިލްތިމާސް ކުރެއެވެ.

މީގެއިތުރުން، މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުމުގައިވެސް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި އުޅަނދުގެ ސްޕީޑް ބެހެއްޓުމަށާއި، ދުއްވާއިރު އުޅަނދުގެ ހެޑްލައިޓް ދިއްލުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ވިއްސާރަވެ މަގުމަތީގައި ފެންބޮޑުވެފައިވާ ވަގުތުތަކުގައާއި އެނޫން ވަގުތުތަކުގައި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް މޫސުމާބެހޭ އިދާރާއިންވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެއިދާރާއިން ހާމަކުރައްވައެވެ.

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މިވަގުތުވެސް ވަނީ ޔެލޯ އެލާޓު ނެރެފަ އެވެ. އެ އިދާރާއިން ލަފާ ކުރާ ގޮތުން، ރ އަތޮޅުން ފެށިގެން ގދ. އަތޮޅަށް 25 މޭލާއި 30 މޭލުގެ ބާރުމިނުގައި ވައިޖެހި ވިލާ ގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ކޮންމެ އަހަރަކުވެސް ހުޅަނގު މޫސުމުގެ ވިއްސާއިގައި ކަނޑުގަދަވެގެން ދިމާވާ ޙާދިސާތަކުގައި ގިނަ އުޅަނދަކަށް ކޯސްޓުގާޑުން އެހީތެރިކަން ފޯރުކޮށްދޭންޖެހެ އެވެ.