English Edition
Dhivehi Edition

ދުންފަތް އެކުލެވޭ އެކި ބާވަތްތަކާއި ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާ, މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) ގޮވާލައިފިއެވެ.

ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔެއާއި ރާއްޖެއަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމަކީ ގައިންގަޔަށް ނާރާ ބަލިތައް ޖެހެން މަގުފަހިވާ ކަމެއް ކަމަށް އެތައް ދިރާސާއަކުން ސާބިތުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

“ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާ އާއި 250 ވިހަ އެކުލެވޭ އެއްޗެއް. އޭގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހިވާކަން ދިރާސާތަކުން ދައްކާ . އަދި ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނޭވާ ހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ޖެހުން ފަދަ ސިއްހީ މައްސަލަތައް ދިމާވޭ. ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމުން ޖެހޭ އެފަދަ ބަލިތަކުގެ ތެރޭގައި ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތަކާއި ހަކުރު ބަލީގެ އިތުރުން ސްޓްރޯކް ހިމެނޭ” ޖަމިއްޔާގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކާ ހަވާލާދީ އެބަޔާނުގައި ބުނެފައިވާ ގޮތުން އާންމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ އުމުރުން 18 އަހަރުގެ ކުރިންނެވެ.

ބަޔާނުގައި ބުނެފައިވަނީ ވޭޕާއި އީ ސިނގިރޭޓަކީ ގެއްލުން ކުޑަ އެއްޗެއް ކަމަށް ބުނާ ނަމަވެސް، އެ ބާވަތްތަަކަކީ ސިއްހަތަށް ގެއްލުން ހުރި ބާވަތްތައް ކަމަށް އެތައް ދިރާސާއަކުން ސާބިތުވެފައިވާ ކަަމަށެވެ. އަދި ވޭޕްގައި އެކުލެވޭ ތަފާތު ފްލޭވާތަކަކީ ޒުވާން ޖީލު މިކަމަށް ދެވި ހިފުމަށް ބޭނުންކުރާ އުކުޅެއްކަން ރާއްޖޭގެ ތަފާސް ހިސާބުތަކުން ވެސް ހާމަވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އެ ސަބަބުތަކާއި ހެދި ރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރަން ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑަބްލިއުއެޗްއޯއާ ހަވާލާދީ މެޑިކަލް އެސޯސިއޭޝަނުން ބުނީ، ޕުއްޕާމެއަށް ޖެހޭ ކެންސަރު ބަލީގެ 85 ޕަސެންޓު ސަބަބަކީ ދުންފަތުގެ ސީދާ ދުން ކަމަށާއި އަހަރަކު އަށް މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެކި ބަލިތަކުގައި މަރުވާ ކަމަށެވެ.

ދުނިޔޭގެ 34ގައި ގައުމެއްގައި ވޭޕް މަނާކޮށްފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ، ރާއްޖޭގައި އެކަން ކުރުމުން ދިވެހިންގެ އާންމު ސިއްހަތު ރަނގަޅުވެ، މުޖުތަމައުގެ ސިއްހީ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.