English Edition
Dhivehi Edition

އެހެން ޒޯންތަކަށް ރަޖިސްޓްރީކުރުމަށް ފަހު މާލޭ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެން ދެން، ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކުކުރަން ކަނޑައެޅި ޕާކިން ޖާގައަށް ނުގެންދާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ރަޖިސްޓްރީ ނުކޮށް އަދި އޭ ޒޯން ނޫން އެހެން ޒޯންތަކުގައި ރަޖިސްޓްރީކޮށްގެން މާލެ ސަރަހައްދުގައި ބޭނުންކުރަމުންގެންދާ އުޅަނދުތައް ގަވާއިދަށް ފެއްތުމަށް ފެއްތުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އެގޮތުން މިފަދަ އުޅަނދުތައް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެމްއޭސީއެލް ފްލެޓުތައް ކައިރީ އޮންނަ ހުސް ބިމަށް ގެންދިއުމަށް އަންގާ، އެއުޅަނދުތަކުގައި ސްޓިކަރ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ސްޓިކަރ ހަރުކުރާ އުޅަނދުތައް ސްޓިކާގައި ބަޔާން ކުރާ ސުންގަޑީގެ ކުރިން ނެގުމަށް އުޅަނދުގެ ވެރިފަރާތަށް ފުލުހުން ވަނީ އަންގާފައެވެ.

ޤަވާއިދާއި ޚިލާފަށް ހުރި އުޅަނދުތައް ބެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުގައި އުޅަނދުތައް ބެހެއްޓުމަށް ދެނީ 6 މަސް ދުވަހުގެ މުއްދަތެކެވެ. އެމުއްދަތުގެ ތެރޭގައި އުޅަނދުތައް ޤަވާއިދުގެ ތެރެއިން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

ހަމައެކަނި ހުޅުމާލޭގައިވެސް ޤަވާއިދާ ޚިލާފަށް ރެޖިސްޓްރީނުކޮށް ނުވަތަ އެހެން ޒޯނެއްގައި ރެޖިސްޓްރީކޮށްފައިވާ 500އަށް ވުރެ ގިނަ އުޅަނދު ޕާކްކޮށްފައި އޮތް ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިފަހަކަށް އައިސް މިގޮތަށް ރަޖިސްޓްރީނުކޮށް ހުރި އުޅަނދު ގިނަވެފައިވަނީ ރަޖިސްޓްރީ ކުރުމުގައި އިދާރީ ގޮތުން ހުރި ދަތިތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

“މާލެއަށް އުޅަނދު ގެނެސްގެން ރަޖިސްޓްރީ ކުރެވޭނެ އެއްވެސް ގޮތެއް ނެތް. އެންމެން ވެސް ދުއްވަން ބޭނުންވޭ. ޚާއްޞަކޮށް ކާރު ފަދަ އުޅަނދު ، މިތަކެތި ރަޖިސްޓްރީ ކުރުމަކީ ވަރަށް ބޮޑު ތަކުލީފެއް. ސަރުކާރުން ހައްލު ހޯދައިދޭންވީ މިކަމަށް” މިއީ ޤަވާއިދާ ޚިލާފަށް ރެޖިސްޓްރީނުކޮށް އުޅަނދު މާލޭގައި ދުއްވުމާއި ބެހޭ ގޮތުން ގިނަ ބަޔަކު ފާޅު ކުރަމުން އަންނަ ޚިޔާލެވެ.