ވަރަށް ރަނގަޅު ބިންގަލެއްގައި މެދު އަދި ދުރު ރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީ ދިވެހިން ދެކޭތަން ކުރިމަގުގައި ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ސަންގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
މި ބަސްދީގަތުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރައްވާނެ ކަމުގައި ވިދާޅުވެ، އެކަމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްވެރިންނަށްވެސް ބިލިއަނެއްހާ ރުފިޔާ ދެވިއްޖެ ކަމަށާއި މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ފެކްޓްރީތައް ހެދުމުގެ މަސައްކަތްތައް ރޭވި، އިޤްތިޞާދު ރަނގަޅުވަމުންދާކަމުގައި ވިދާޅުވިއެވެ. އެގޮތުން އެއާޕޯޓު ނިމެމުންދާ ކަމަށާއި އިތުރު ރިޒޯޓްތައް ހުޅުވެމުން އަންނަކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އިތުރު ބޮޑެތި ބައެއް މަޝްރޫޢުތައް ފެށުމަށްޓަކައި ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޗައިނާއާއި އިންޑިއާ ފަދަ ޤައުމުތަކުން މާލީ އަދި އިޤްތިޞާދީ ހަމަޖެހުމަށް ބޭނުންވާ އެކި ފުރުސަތުތައް ފަހިވަމުންދާ ކަމަށެވެ. މިގޮތުން މާލެއަށް އެންމެ ބޮޑުވެފައި އޮތް މަގުތަކުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ޗައިނާގެ ހިލޭ އެހީގެ ދަށުން ބޮޑު މަޝްރޫޢެއް ރޭވެމުންދާކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ބޮޑެތި މަޝްރޫޢުތަކަކީ ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ބޮޑެތި ތައްޔާރީތަކެއް ވާންޖެހޭ އަދި އެކަމަށް ގިނަ ވަގުތު ހޭދަވާ ކަމެއްކަން ފާހަގަކުރައްވައި، އެފަދަ ގިނަ މަޝްރޫޢުތައް ފެށުމުގެ ކުރީން ވާންޖެހޭ ތައްޔާރީތައް ފަރުދާގެ ފަހަތުގައި ހަލުވިކަމާއެކު ހިނގަމުންދާކަމުގައި ވިދާޅުވިއެވެ. އަދި ބޭރު ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަށް ބައިވަރު ކަންތައްތައް ހަމަޖެހިފައިވާކަމުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި އެހެން ޤައުމުތަކާއެކީ އޮންނަ ގުޅުން ވަރަށް ރަނގަޅުވެފައިވާ ކަމަށާއި، ޚާރިޖީ ގުޅުން ރަނގަޅުވެ، އެކަމުގެ ސަބަބުން އިޤްތިޞާދުވެސް ރަނގަޅު އަސާސްތަކެއްގެ މަތީގައި ބިނާވަމުންދާކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުން ކަހަލަ ކަންތައްތައް ކުރަމުން މިދަނީވެސް އިޤްތިޞާދީ އިޞްލާޙުތަކުގެ ތެރެއިންކަން ފާހަގަކުރެއްވިއެވެ.