English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ޤާއިމްކުރުމުގެ މަސައްކަތު އެގްރިމެންޓުގައި މިއަދު ސޮއިކޮށްފިއެވެ.

11 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ވެންޒާ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްއެވެ.

އެކުންފުނީގެ ފަރާތުން މި އެގްރިމެންޓުގައި ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ހާނިސް މޫސާއެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓަރ ޑރ. އައިޝަތު ރަމީލާއެވެ.

ޤައުމީ ފެންވަރުގައި ޤާއިމްކުރާ މިލެބޯޓްރީ ފެސިލިޓީ ބިނާކުރަނީ “ޕްލާންޓް ޕެތޮލޮޖީ، އެންޓޮމޮލޮޖީ، ސޮއިލް ސައިންސް އަދި ޕްލާންޓް ޓިޝޫ ކަލްޗަރ” ޚިދުމަތް ފޯރުކޮށްދެވޭނެ ފެންވަރަށެވެ. 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މަސައްކަތް ނިންމާ ޙަވާލުކުރަން މި އެގްރިމެންޓުގައި އެއްބަސްވެފައިވާއިރު، ލެބޯޓްރީ ފެސިލިޓީއިން ވީހާވެސް އަވަހަކަށް ޚިދުމަތްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައިން ވާންޖެހޭ ތައްޔާރީތަކުގެ ބޮޑު ބައި، އެކި މަޝްރޫޢުތަކުގެ އެހީގައި މިހާރުވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ފެސިލިޓީގައި ހިމެނޭ ސޮއިލް ސައިންސް ލެބޯޓްރީއަށް ބޭނުންވާ އާލާތްތައް ހޯދާފައިވަނީ ޖަޕާން ސަރުކާރުގެ ހިލޭއެހީގައި UNDP އިން ކުރިއަށް ގެންދާ ޕްރޮޖެކްޓް ފޮރ ޑިވެލޮޕިންގ ސަސްޓެއިނަބަލް އިކޮނޮމީ މަޝްރޫޢުންނެވެ. ފެސިލިޓީގައި ހިމެނޭ އެހެން ލެބޯޓްރީތަކަށް ބޭނުންވާ އާލާތްތައް ހޯދާފައިވަނީ އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓްގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްއިންނެވެ. މިހުރިހާ ތަކެއްޗެއްވެސް މިހާރުވަނީ ފުވައްމުލަކަށް ގެންގޮސްފައެވެ.

މި ލެބޯޓްރީ ފެސިލިޓީގައި ހިމެނޭ 4 ލެބޯޓްރީގައި ޓެކްނީޝަނުންގެ ގޮތުގައި 8 މުވައްޒަފުން، އަދި ލީޑް ސައިންޓިސްޓުން ޙަރަކާތްތެރިވާން ހަމަޖެހިފައިވާއިރު، މުވައްޒަފުން ނެގުމަށް އިސްކަންދިނުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީއިންނެވެ. މުވައްޒަފުން ނެގުމާއި ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯލްޑް ބޭންކްގެ އެހީގައި މި މިނިސްޓްރީއާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ކުރިއަށް ގެންދާ މަޝްރޫޢަކުންނެވެ.

ލެބޯޓްރީ މަސައްކަތު އެގްރިމެންޓުގައި ސޮއިކުރުމަށް މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މިމަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާގޮތް ވިލަރެސްކޮށް، ކޮންޓްރެކްޓަރުގެ މަސައްކަތްތަކަށް ފަހި ކޮށްދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލާއެކު ވެސް ސޮއި ކޮށްފައެވެ. މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. އައިޝަތު ރަމީލާ ސޮއިކުރެއްވި މި އެއްބަސްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤްއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިޔާއާއި މުޚާތަބު ކުރައްވައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިލެބޯޓްރީ ފެސިލިޓީގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ޚިދުމަތް ދޭން ފެށުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި ލެބޯޓްރީން ދެވޭ ޚިދުމަތްތަކުން ރާއްޖޭގެ ދަނޑުވެރިކަމަށް އެދެވޭ ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރާކަމަށެވެ.

ފުވައްމުލަކު ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީއެއް ޤާއިމްކުރުމަކީ ސިޓީ ކައުންސިލްއާއި ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމަށާއި މިލެބޯޓްރީގެ ސަބަބުން ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެންމެހާ ދަނޑުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރާކަމަށް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާއީލް ރަފީޤުވަނީ ވިދާޅުވެފައެވެ.