English Edition
Dhivehi Edition

ރަނާސް މޯލްޑިވްސް އާއި ނަސީރު ސްޕޯޓްސް އެކެޑަމީ (އެންއެސްއޭ) ގުޅިގެން އައްޑޫސިޓީގައި ބާއްވާ “ވައިޕީއޭ އައްޑޫ ސިޓީ އިންޓަރނޭޝަނަލް މެރަތަން” ގައި ބައިވެރިވާ ބޭރުގެ އެތުލީޓުންގެ ވިސާކަންތައް ހަމަޖެއްސުމަށް ކުރިންދިމާވި މައްސަލަ މިހާރުވަނީ ހައްލުވެފައި ރަނާސް މޯލްޑިވްސްއިން ބުނެފިއެވެ.

ރަނާސް މޯލްޑިވްސްގެ ރައީސް އަދި ކޯޗު ނަސީރު އިސްމާއިލް ވިދާޅުވީ ބޭރުމީހުންގެ ވިސާގެ ކަންތައް ހަމަޖެއްސުމުގައި ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުން ވަރަށްބޮޑަށް ލިބޭކަމަށެވެ. އެކަމަށްޓަކައި އިމިގްރާޝަންގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ޝުކުރުއަދާ ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ބޭރުގެ ބައެއް ގައުމުތަކުގެ އެތުލީޓުންގެ ވިސާގެ ކަންތައް ހަމަނުޖެހޭތީ މި ދުވުން އެއްފަހަރުވަނީ ލަސްވެސް ކޮށްފައެވެ. މިހާރު ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ ދެވަނަ ދުވަހު މެރެތަން ބޭއްވުމަށެވެ.
މެރެތަން ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއަށާއި، ހައުސިން މިނިސްޓްރީއަށާއި، އައްޑޫސިޓީ ކައުންސިލަށް ވަރަށްބޮޑަށް ޝުކުރަ ދަންނަވާ ކަމަށް ނަސީރު ވިދާޅުވިއެވެ.

ވައިޕީއޭ އައްޑޫސިޓީ އިންޓަރނޭޝަނަލް މެރެތަންގައި މިހާތަނަށް 1300 އެއްހާ މީހުންވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ 106 އަށްވުރެ ގިނަ އެތުލީޓުން ހިމެނެއެވެ.