English Edition
Dhivehi Edition

އަންނަ ފެބުރުއަރީ ދެވަނަ ދުވަހު އައްޑޫސިޓީގައި ބާއްވާ “ވައިޕީއޭ އައްޑޫ އިންޓަރނޭޝަނަލް މެރަތަން” ގެ އޮންލައިން މީޑިއާޕާޓްނަރަކަށް އޭއޯނިއުސް ހަމަޖައްސައިފިއެވެ.

އެ މެރެތަންގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް އޭއޯނިއުސް ހަމަޖެއްސުމަށްފަހު އެއޯނިއުސްއާއި، މެރެތަން ބާއްވާ ރަނާސް މޯލްޑިވްސްއާ ދެމެދުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހިތަދޫ ސީޝެލް ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއެއްބަސްވުމުގެ ދަށުން މި ދުވުމުގެ ހުރިހާ ހަރަކާތެއް އެއޯނިއުސްއިން ކަވަރުކޮށްދޭންޖެހޭނެއެވެ.

މި ރަސްމިއްޔަތުގައި މިހަރަކާތުގެ ޓައިޓަލް ސްޕޮންސަރ އަދި އޮގަނައިޒަރ ކަމަށްވާ ޔޫތު ޕޮރޮގްރޭޝަން އޮފް އައްޑޫ (ވައިޕީއޭ) ގެ އިސް ބައެއް މީހުން ބައިވެރިވިއެވެ.

މެރެތަން ފެށުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ ދެވަނަ ދުވަހު ހަވީރުއެވެ. ރަނާސް މޯލްޑިވްސްގެ ފަރާތުން ވާހަކަ ދައްކަވަމުން ކުރީގެ މަޝްހޫރު ދުވުންތެރިޔާ ނަސީރު އިސްމާއީލް ބުނީ އެދުވަހު ހަވީރު ދުވުން ބާއްވާގޮތަށްހެދީ ވީހާވެސް ގިނަ މީހުންނަށް އެހަރަކާތް ދައްކާލުމަށް ކަމަށެވެ. “އައްޑޫ ރައްޔިތުން ބޭނުންވާނެ އިންޓަރނޭޝަނަލް މެރެތަންއެއް އަލަށް އައްޑޫގައި ބާއްވާއިރު އޭގައި ބައިވެރިވާ ބޭރުގެ އެތުލީޓުންނާއި، ރާއްޖޭގެ ގައުމީ ފެންވަރުގެ އެތުލީޓުންވެސް ދެކެން. އަދި ސްޕޮންސަރުންގެ ދައުރުވެސް ބޮޑަށް ފެންނާނީ ދުވާލު ބޭއްވުމުން،” ނަސީރު ބުންޏެވެ.