އަންނަ ފެބުރުއަރީމަހު ދެވަނަ ދުވަހު އައްޑޫސިޓީގައި ބާއްވާ “ވައިޕީއޭ އައްޑޫ އިންޓަރނޭޝަނަލް މެރެތަން” ގައި ބައިވެރިވުމަށް ރަނާސް މޯލްޑިވްސްއިން 42 މީހަކަށް ދައުވަތު ދީފިއެވެ.
ދައުވަތު ދިންމީހުންގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބޭރުގެ އެތުލީޓުންނެވެ. އޭގެ ތެރޭގައި ބޭރުގެ އެކި ގައުމުތަކުގެ މަޝްހޫރު އެތުލީޓުން ހިމެނެއެވެ.
ރަނާސް މޯލްޑިވްސްގެ ރައީސް އަދި ކޯޗު ނަސީރު އިސްމާއީލް ވިދާޅުވީ އެމީހުން ތިބުމާއި ކެއުމާއި އެހެނިހެން ކަންކަންވެސް ހަމަޖައްސައިދޭނީ ރަނާސް މޯލްޑިވްސްގެ ފަރާތުން ކަމަށެވެ.
އެ 42 މީހުން ފިޔަވައި މި ދުވުމަށް އައްޑުއަށް އަންނަ އެހެންމީހުންގެ ކަންކަން ހަމަޖައްސަން ޖެހޭނީ އެމީހުން އަމިއްލައަށް ކަމަށްވެސް ނަސީރު ވިދާޅުވިއެވެ. “އަޅުގަނޑުމެން ބޭނުންވޭ ބޭރުދުނިޔޭގެ ތަފާތު ގައުމުތަކަށް އައްޑޫ ސިޓީ ވަރަށްބޮޑަށް މަޝްހޫރުކުރަން. އައްޑޫގެ ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް އިސްތިހާރުވާނެ ގޮތެއްހަދަން. ތަފާތު ގައުމުތަކުން އައްޑުއަށް މީހުން އައިސް ހަތަރުވަރަކަށް ދުވަހު އައްޑޫގައި މަޑުކޮށް ތަންތަން ބަލައިލުމުގެ ފުރުސަތު ލިބުމަކީ އެމީހުންގެ ހިތުގައި އައްޑުއަށް ޝައުގުވެރިކަން އުފެދޭނެ ކަމެއް. އެމީހުން އައްޑޫ ގޭސްޓުހައުސްތަކުގައި ތިބުމަކީ ލޯކަލް ޓޫރިޒަމަށްވެސް ލިބޭނެ މަންފާއެއް ކަމަށް އަޅުގަނޑު ދެކެން،” ނަސީރު ވިދާޅުވިއެވެ.
މި ދުވުމުގައި ބައިވެރިވުމުގެ މުއްދަތު މިހާރުވަނީ ޖެނުއަރީ 15 އަށް އިތުރުކޮށްފައެވެ. މިހާތަނަށް މިދުވުމުގައިވަނީ ރާއްޖެއިން ބޭރުގެ 106 މީހުންނަށްވުރެ ގިނައިން ބައިވެރިވެފައެވެ. ޖުމްލަ 1300 އެއްހާ މީހުން މިހާތަނަށް ބައިވެރިވެފައިވާ ކަމަށްވެސް ނަސީރު ވިދާޅުވިއެވެ. ރަނާސް މޯލްޑިވްސްއިން ބޭނުންވަނީ މި ދުވުމުގައި ބައިވެރިވާ މީހުންގެ އަދަދު 1500 އަށް ހެދުމެވެ.