ޤައުމުގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަވާ ކަަމަށާއި ކޮންމެ ހިނދުކޮޅެއް މި ސަރުކާރުން ހޭދަކުރަމުން ދާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރު ޙިއްޞާވާ މައި ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ރައްޔިތުންނަށްޓަކައި މުހިންމު ބަދަލުތަކެއް އެމް.އެމް.އޭގެ ރެގިއުލޭޝަންތަކަށް ގެންނެވުމަށް ނިންމަވާފައިވާކަން އެމް.އެމް.އޭގެ ގަވަރުނަރު ވިދާޅުވެފައިވާކަމުގައި ފާހަގަކުރައްވާފައެވެ. އަދި މި ބަދަލުތައް ގެނައުމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވާ އެމަނިކުފާނު ވިދާޅުވީ “ބްލެކް މާކެޓް” ގައި ފައިސާ މާރުކުރުން މަދުކުރެވި ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވިގެން ދާނެކަމުގައެވެ. މީގެ އިތުރުންވެސް ބޮޑަށް ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ‘ކޯޕަރޭޓް އިންކަމް ޓެކްސް’ ދެއްކުމުގައި ޑޮލަރުން ޓެކްސް ދެއްކުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ 9 މަސްދުވަހުގެ ތެރޭގައި ދީނީކަންކަން ހަރުދަނާކުރުމަށް ގިނަ މަސައްކަތް ސަރުކާރުން ކުރަމުންދާކަމުގައި ފާހަގަކުރައްވާފައެވެ. އަދި ބަވަނަވަމުންމިދާ ދުނިޔޭގައި ފެންނަމުންދާ އިސްލާމް ދީނާ ޚިލާފު އޮއިވަރުތަކުގައި ދަރިން ނުޖެހި ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި ޖުޑިޝަރީއިން މިނިވަންކަމާއެކު މައްސަލަ ބަލައި ހުކުމެއް އައިސްފިނަމަ އެ ހުކުމް ތަންފީޒުކުރުމުގައި މި ސަރުކާރުން ފަހަތަށް ނުޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.