ދެކުނު ކޮރެއާއި އުތުރު ކޮރެއާއި ދެމެދު ގުޅުން ރަނގަޅު ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ގޮވާލިތާ އެއްދުވަސް ފަހުން، ދެކުނު ކޮރެއާއިން ސަރަހައްދީ ބޯޑަރާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ހުށައަޅައިފިއެވެ.
ބޯޑަރާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ހުށަހަޅާފައިވަނީ ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓަރެވެ. އޭނާ ހުށަހަޅުއްވައިފައިވަނީ ކުރިއަށްއޮތް ހަފްތާގެ އަންގާރަ ދުވަހު އެކަމުގެ މަޝްވަރާތައް ބޭއްވުމަށެވެ. ދެ ގައުމުގެ ސަރުކާރު ބައިވެރިވާ މި މަޝްވަރާ އޮންނާނީ ދެގައުމު ބޯޑަރު ގުޅޭ ސަރަހައްދުގައި އޮންނަ ޕަންމުޖޮމް ކިޔާ އަވަށެއްގައި ކަމަށް ވެސް އެނާ ވިދާޅުވިއެވެ.
މިކަމާ މެދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓަރ ޗޯ މިޔޮންޔޮންގް ވިދާޅުވީ އެ ފަރާތުން ބޭނުންވަނީ ހަމަ ސީދާ ވާހަކަ ދައްކާލާ މަޝްވަރާ ކޮށްލަން ކަމަށެވެ.
އުތުރު ކޮރެއާއިން މަޝްވަރާތަކަށް އެއްބަސްވެއްޖެނަމަ އެކަން ވެގެންދާނީ ދެކޮރެއާ ދެމެދު 2 އަހަރުތެރޭ މަޝްވަރާ ކުރެވޭ ފުރަތަމަ ފަހަރަށެވެ.
ދެކުނު ކޮރެއާގެ އޮފިޝަލުން މި މަޝްވަރާތަކުން ނެރެން ބޭނުންވާ ނަތީޖާއަކީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމުގެ ސަބަބުން ހޫނު ވެފައިވާ މައްސަލަ ހައްލުކޮށް، ހަނގުރާމައިގެ ބިރުވެރިކަން ފިލުވައިލުމެވެ.
މިކަމާމެދު މަސްރަހު ދިރާސާ ކުރާފަރާތްތަކުން ވަނީ ކަނބޮޑުވުން ފާޅު ކޮށްފައެވެ. ސަބަބަކީ ދެކޮރެއާ ދެމެދު މިވަގުތު ގުޅުމެއް އުފެދުމުގެ ސަބަބުން އެމެރިކާއާއި ދެކުނު ކޮރެއާއިމެދު ގުޅުން ހީނަރު ވެދާނެތީއެވެ. ސަބަބަކީ އުތުރު ކޮރެއާއި އެމެރިކާގެ ގުޅުން މިހާރުވެސް ގޯސްވެފައިވުމެވެ.
ދެކޮރެއާ ބޯޑަރު ސަރަހައްދުގައިވާ ޕަންމުޖޮމް އަކީ އަބަދުވެސް ދެކޮރެއާ ދެމެދު މަޝްވަރާތައް ބާއްވާ ތަނެވެ. ދެކޮރެއާ ދެމެދު އެއްވެސް ވާހަކައެއް ދެއްކުމަށް ފޯނުލައިނެއް ގާއިމްކުރިއެވެ. އެހެންނަމަވެސް 2016 ވަނަ އަހަރުގެ ކުރީކޮޅު ދެކޮރެއާ ގުޅިގެން ހިންގަމުންދިޔަ ކައެސޮންގް ފެކްޓަރީ ބަންދުކުރި ހިސާބުން ފޯން ލައިން އެއްވެސް ގޮތަކަށް ބޭނުމެއް ނުކުރެއެވެ. ދެކުނު ކޮރެއާއިން ވަނީ ލައިން ގުޅުމަށް އުތުރު ކޮރެއާއަށް ގޮވާލައިފައެވެ.
މި ދެގައުމުން އެންމެ ފަހުން ރަސްމީ މަޝްވަރާއެއް ކޮށްފައިވަނީ 2015 ވަނަ އަހަރުގައެވެ.