English Edition
Dhivehi Edition

ގޭސް އުދުން ރޯކުރަން އުޅެނިކޮށް ރޯވެ ފިހުނު ބަނގުލަދޭޝް މީހާއަށް ށ. އަތޮޅު ހޮސްޕިޓަލުން ފަރުވާދެމުން ގެންދަނިކޮށް މާލެ ހިނގައްޖެ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ހަސަން އިސްމާއީލް ވިދާޅުވީ އެމީހާ އައިޖީއެމްއެޗުން ފަރުވާ ހޯދުމަށް މާލެފުރީ މިދިޔަ ހުކުރު ދުވަހު ފުރި ބޯޓަކުން ކަމަށެވެ. އޭނާއަށް ހޮސްޕިޓަލަށް ދެވިފައިވަނީ ހޮނިހިރު ދުވަހު ކަމަށްވެސް ހަސަން ވިދާޅުވިއެވެ. އޭނާ މާލެ ދިޔައީ ހޮސްޕިޓަލުން ދޫކޮށްނުލަނީހެވެ.

“އޭނާ މާލެ ދިޔައީ ހޮސްޕިޓަލުން ދޫކޮށްނުލަނީސް، އަމިއްލައަށް ޒިންމާވާގޮތަށް ސޮއިކޮށްފައި، މިދިޔަ ހުކުރުދުވަހު ހަވީރު މާލެފުރި ބޯޓަކުން. އައިޖީއެމްއެޗަށް ދެވިފައިވަނީ ހޮނިހިރު ދުވަހު ހެނދުނު” ހަސަން އިސްމާއީލް ވިދާޅުވިއެވެ.

އެމީހާގެ ގައިގައި ރޯވެ ފިހިފައިވަނީ ހުސްވި ޑިސެމްބަރު 28 ވަނަ ދުވަހުއެވެ. އޭނާ ފިހިފައިވަނީ ފުނަދޫގައި އޭނާއުޅުނު ގޭގެ ގޭސްފުޅި ރޯކުރަން އުޅުމުގެ ތެރޭގައެވެ. ފުލުހުން ބުނެފައިވަނީ ރޯވީ ފުޅިން ގޭސް ލީކުފައި ހުއްޓައި ރޯކުރަން އުޅުމުން ކަމަށެވެ.

އެހާދިސާގައި އެމީހާގެ ގައިގެ 44 އިންސައްތަވަނީ ފިހިފައެވެ. ފިހިފައިވަނީ ދެ ފައިގެ ކަކުލުހުޅުން ތިރިއާއި ދެއަތުގެ އުޅަބޮށިން ތިރިއާއި، ކަނދުރާއި، މޫނު ކަމަށްވެސް ށ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.