English Edition
Dhivehi Edition

ޑަބްލިއުއެޗްއޯއިން ބައިނަލްއަގްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން ރާއްޖޭގައި ރިސްކް އެސެސްމަންޓް ހަދަމުންދާކަމަށާއި އާންމު ސިއްހަތަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ލަފާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މަންކީޕޮކްސް (އެމްޕޮކްސް) ނަމަކަށް ކިޔާ ބައްޔެއްގެ އާ ވޭރިއެންޓެއް ބާރަށް ފެތުރެމުންދާތީ ޑަބްލިއުއެޗްއޯއިން ވަނީ ބައިނަލްއަގްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެފްރިކާގެ 13 ގައުމެއްގައި އެމްޕޮކްސްގެ ކޭސްތައް ވަނީ ފެނިފައެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެކި ގައުމުތަކާއި ގުޅިގެން އެ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދީ ފުރާނަތައް ސަލާމަތް ކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯއިން އެންމެ މަތީ ދަރަޖައިގެ ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ބޭނުމަކީ ބަލި ކޮންޓްރޯލު ކުރުމަށް ފަންޑިން ހޯދުމާއި، ދިރާސާތައް އަވަސް ކުރުމާ، ބަލި ކޮންޓްރޯލު ކުރުމަށް ބައިނަލްއަގުވާމީ ގޮތުން އެހީތެރިކަން ހޯދުމެވެ.