English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް/ފޮޓޯ ޢާސިމާ ނަޖުމީ

އައްޑޫސިޓީގައި އަލަށް ހިއްކި ބިންތައް ތަރައްޤީކުރާނެ ގޮތުގެ ޕްލޭން ހިމެނޭ ބިނާވެއްޓަށް ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އަލަށް ހިއްކި ސަރަޙައްދަށް ބަދަލުކޮށްދިނުމަށް ރައްޔިތުން އެދިއްޖެއެވެ.

މިބިނާވެށި އެކުލަވާލެވިފައިވާ ގޮތުން ހިތަދޫގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ ގިނަ ކަންތައްތަކެއް އުނިކޮށްފައިވާކަން ފާހަގަ ކުރަމުން ރައްޔިތުން ވަނީ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އަލަށް ހިއްކި ސަރަޙައްދަށް ބަދަލުކޮށްދިނުމުގެ މުހިންމުކަމާމެދު ޚިޔާލުބަދަލުކޮށް މަޝްވަރާކޮށްފައެވެ. ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ރާއްޖޭގެ ދެކުނުގެ 4 އަތޮޅުގެ މީހުންނަށް ޚިދުމަތް ދިނުމަށް ގާއިމް ކުރެވިފައިވާ އެޢިމާރާތް ހުރި ތަނުގެ ގޮތުން ޖާގަ އިތުރު ކުރެވެން ނޯންނާނެތީއާއި ހުޅުމީދޫގެ ރައްޔިތުންނާއި އަދިވެސް އެހެން ހިސާބުތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައިވެސް އެފަދަ ހޮސްޕިޓަލަކާއެންމެ އެކަށީގެންވާފަދަ ބިމަކަށް އެތަން ބަދަލުކުރަން ފެންނަކަމަށް ބައްދަލުވުމަށް ޙާޒިރުވި ގިނަ ބަޔަކު ވަނީ އެއްބަސްވެ ތާއީދު ކޮށްފައެވެ.

އޭގެ އިތުރުން މި ބައްދަލު ވުމުގައި ދެން އެންމެ ބޮޑަށް ވާހަކަ ދެކެވުނީ އައްޑޫއިން ގޯތިދޭން އިޢުލާންކޮށްގެން ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ގޯތި ދޭނެކަމަށް ނިންމި 1500 މީހުންނަށް ބިން ކަނޑައަޅާފައި ނުވާތީ އެކަމުގެ ޝަކުވާއެވެ. ބިން ހިއްކަންފެށިއިރު އެތަނުން ގޯތި ދޭނެ ކަމަށް ބުނެފައި މިއަދު އެކަން ބަދަލުކުރާނަމަވެސް ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެކަމަށް ބައްދަލުވުމަށް ހާޒިރުވި މީހުން ދިޔައީ ބުނަމުންނެވެ.

ގޯތިގެދޮރާއި އަސާސީ އެތައްކަމަކުން މިހާތަނަށްވެސް އައްޑޫގެ ރައްޔިތުން މަހުރޫމުވެފައި ވުމުގެ ނަތީޖާއެއްގެ ގޮތުން މިފަސްގަނޑަށް އޮތް ލޯތްބާއި އައްޑޫގެ ރަށްވެހިކަންވެސް ދޫކުރަން މަޖުބޫރު ވެފައިވާވުން އަދިވެސް ތަކުރާރުވާން ޖައްސަނީތޯއޭބުނެ ރައްޔިތުންވަނީ އެ ޕްލޭނަށް އަމާޒުކޮށް ސުވާލު އުފައްދާފައެވެ. އެއާއެކު އަންހެނުންނަށް ޚާއްސަ ކުޅިވަރުކުޅެވޭނެ ތަންތަން ގާއިމްކޮށްދިނުމަށް ބައިވެރިންވަނީ އެދިފައެވެ. ހިތަދޫގައި އެންމެ ބޭނުންވެފައި ވާ ބޯހިޔާވަހިކަމަށް އެދެވޭ ޙައްލެއް އަލަށް ހިއްކި ބިމުގެ ބިނާވެށިން ލިބެން އޮތް ހަމައެކަނި އުސޫލަކީ ހައުސިން ޔުނިޓްތަކެވެ.

ޝެރެޓް ސްޓޫޑިއޯއިން ވިދާޅުވީ މިބިނާވެށި އެކުލަވާލެވުނީ އައްޑޫސިޓީ ހިތަދޫ ، މަރަދޫ އަދި މަރަދޫފޭދޫގެ މިހާރުގެ ޙާލަތު ދެނެގަތުމަށް އެކި ވަސީލަތްތަކުގެ އެހީގައި ހެދި ސާވޭ ތަކާއި ބައްދަލުވުންތަކަށް ރިޢާޔަތް ކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން ޖުމްލަ 5 ތަސައްވުރެއް ޕްލޭންގައި އެކުލަވާލާފައިވެއެވެ. އޭގެތެރޭގައި ހިމެނޭ، ހިތްހަމަޖެހިގެން ދިރިއުޅެވޭނެ މަގު ފަހިވެފައި ވުމުގެ ތަސައްވުރުގައި އެކިވައްތަރުގެ ބޯހިޔާވަހިކަމާއި، ބައިބޯމިން އިތުރުކުރުމާއި، ބިމުގެ 40 އިން ސައްތަ ހުސްޖާގައަށް ބެހެއްޓުން ހިމަނާފައިވެއެވެ. މި ޕްލޭންގައިވާ ، މުޅި ރަށް ގުޅާލުމުގެ ތަސައްވުރުގައި ހިމެނެނީ މަލްޓިމޮޑެލްތަކާއި،ޖާގަ ތަނަވަސް ޕާކިންއާއި ދުއްވާ ލޭން ހިމެނޭ މަގުތަކާއި، މަގުގެ ދެފަރާތުގައި ހިޔާދޭ ގަސް ހުންނަ މަގުތަކެވެ. އުޅޭހިތްވާ މާޙައުލެއް ގާއިމް ކުރުމުގެ ތަސައްވުރުގެ ދަށުން ލޭންޑްމާކާއި އެއް ޢިމާރާތަކުން ވިޔަފާރި، އޮފީސް ، ދިރިއުޅުންފަދަ ކަންކަން ގާއިމް ކުރުން ހިމެނެއެވެ. ވިލުންވެރި ކުރުވުމުގެ ތަސައްވުރުގައި ހިތްފަސޭހަ ޖާގައާއި، ކެނަލް ޕާކާއި، ދޫނިސޫފާ ސޫފި މަސްމަހާމެހި އަދި އެހެނިހެން ދިރުންތައް އާލާކުރުމާއި، ފެންބޮޑުވުމުން ސަލާމަތްކަން ލިބިގަތުމާއި ޙިމާޔަތްކޮށްފައިވާ ސަރަޙައްދު ބޭނުންތެރިކޮށް ބެލެހެއްޓުން ހިމަނާފައިވެއެވެ. މި ޕްލޭންގެ 5 ވަނަ ތަސައްވުރަކީ ޓެކްނޮލޮޖީއަށް ހޭނުމެވެ. އޭގެ ދަށުން ރައްޔިތުން ބާރުވެރިކޮށް، ބިނާވެށި ޕްލޭންކުރުމުގައި ރައްޔިތުންގެ ޚިޔާލު ހޯދައި، ފައިބަރނެޓްވޯކް ސާވިސްތަކާއި، މަގުގެ ދުވާރު އަޑިން ޖާގަ ދޫކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ޕްލޭންގައި ޢާންމު ޚިދުމަތްތަކުގެ ބައިގައި ގާއިމްކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ޕްރީ ސްކޫލާއި ޕްރައިމަރީ ސްކޫލާއި، ކޮލެޖް/ޔުނިވަރސިޓީއާއި މިސްކިތާއި ސިއްޙީ މަރުކަޒަށް ޖާގަ ހުސްކުރުން ހިމެނެއެވެ. ދިރިއުޅުމަށްޚާއްސަ ކޮށްފައިވާ ބައިގައި ވަނީ ރޯހައުސްތަކާއި ފްލެޓްތަކެވެ. ފެހި އަދި ނޫ ޕްލޭންގެ ތެރޭގައި ޕާކްތަކާއި ބަފަރ ޒޯންތައް ކަނޑައެޅިފައިވަނީ ގްރީން އާއި ބްލޫ ނެޓްވޯކް ގާއިމް ކުރެވި ގުޅުވައިދޭ ގޮތަށެވެ. މަގުތަކުގެ ދެފަރާތުން ގަސް އިންދުމަށް ޚާއްސަ ސަރަޙައްދުތައް ކަނޑައެޅި” ވޯކަބަލިޓީ” އަށް އިސްކަން ދިނުމުގެ ގޮތުން ބައެއް މަގުތަކަކީ ހިނގާ މީހުންނަށް ޚާއްސަ މަގުތަކުގެ ގޮތުގައި ޕްލޭންގައި ކަނޑައެޅިފައިވެއެވެ.