English Edition
Dhivehi Edition
އައްޑޫ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެނައި އެޗްސީ މެލީނާ/ފޮޓޯ: ހިތަދޫ ޕޯޓް

އައްޑޫސިޓީގައި ބިން ހިއްކަން މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއަށް ބޭނުންވާ ސާމާނު އައްޑޫއަށް ގެން ގޮސްފި އެވެ. މި ސާމާނުތައް އައްޑޫއަށް ގެނައީ “އެޗްސީ މެލީނާ” ނަމަކަށް ކިޔާ އާގު ބޯޓެއްގައެވެ. މިމަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ނެދަލޭންޑްސް ގެ ވެންއޫޑް ކުންފުންޏެވެ. ބިން ހިއްކުމުގެ މަޝްރޫޢަށް ބޭނުންވާ ޑްރެޖަރާއި އިތުރު މެޝިނަރީތަކާއި ސާމާނާއެކު މިބޯޓު ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ހިތަދޫ އަށް ބަނދަރުކޮށްފައެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ނެދަލޭންޑްސްގެ “ވެން އޫޑް ޑްރެޖިން” ކުންފުންޏާއި ހަވާލުކުރީ 2022 މާޗު 27 ވަނަ ދުވަހު އެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަސަތްކަތަށް ކަނޑައަޅާފައިވާ ބަޖެޓަކީ 1.3 ބިލިއަން ރުފިޔާ އެވެ.

މި މަޝްރޫޢުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިއެވެ. އަދި 11 ކިލޯމީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކޮށް، ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މީގެ އިތުރުން ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކައި، ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކަން ހަމަޖެހިފައިވެއެވެ.

އަދި މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކައި، ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން ހިމެނެއެވެ.