English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ސްޕެޝަލިސްޓް އޯޕީޑީ ނުވަތަ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ދެދަންފަޅީގައި ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

އެ ހޮސްޕިޓަލުން ޢާންމު ކުރެއްވި އިޢުލާނެއްގައިވާ ގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ، ފަސޭހަކަމާއެކު ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބައެއް ސްޕެޝަލިސްޓް އޯޕީޑީތައް ދެ ދަންފަޅިއަށް ބަދަލުކުރުމަށްވަނީ ނިންމަވާފައެވެ. މިގޮތުން 2024 ޖުލައި 15 އިން ފެށިގެން ދަތުގެ ބަލިތަކާއި އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ހެނދުނާއި ހަވީރު ދަންފަޅީގައި ބަލިމީހުން ބަލަމުން ގެންދަވާނެކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ. އެހޮސްޕިޓަލުން ވަނީ މި ގެންނެވި ބަދަލާއެކު ރައްޔިތުންގެ ފަރާތުން ލިބޭ ތަރުޙީބާއި ތަޖުރިބާއަށް ބެއްލެވުމަށްފަހު އިތުރު ބަދަލު އައުން އެކަށީގެންވާކަމަށް ވިދާޅުވެފައެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އޯޕީޑީއަށް މިގެނައި ބަދަލާއެކު ރާއްޖޭގެ 5 ސަރަހައްދުގައި ޤާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުން ފޯރުކޯށްދޭ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް 2 ދަންފަޅިއަށް ބަދަލުކުރުމަށް ނިންމެވިކަން ސިއްޙީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ މީގެ ކުރިން އެއް ދަންފަޅިއަށް ޚިދުމަތް ދެމުން އައި ފަސް ރީޖަނަލް ހޮސްޕިޓަލެއް މިމަހުން ފެށިގެން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފެށުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި އަދި ގދ. ތިނަދޫ ގައި ހުންނަ ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޯޕީޑީއަށް ވެސް މިބަދަލު އަންނާނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

ދެ ދަންފަޅިއަށް ޚިދުމަތްދޭން ފެށުމުން ސްޕަޝަލިސްޓުންނަށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތްތައް ލިބޭ ވަގުތު މިހާރަށްވުރެ އިތުރުވެގެންދާނެއެވެ. އެގޮތުން މީގެކުރިން އެ ހޮސްޕިޓަލްތަކުގައި ސްޕަޝަލިސްޓުންނަށް ދެއްކުމުގެ ޚިދުމަތްދެމުން އައީ ހެނދުނު 9 އިން ހަވީރު 4 އަށް އެކަނި ނަމަވެސް، މި ބަދަލާއި އެކު ހަވީރު 4އިން ރޭގަނޑު10 ޖެހުމާއި ހަމައަށްވެސް ސެޕަޝަލިސްޓުންނަށް ދެއްކުމުގެ ޚިދުމަތް ރީޖަނަލް ހޮސްޕިޓަލްތަކުން ލިބިގެންދާނެއެވެ.