English Edition
Dhivehi Edition
އައްޑޫސިޓީ/ފޮޓޯ އިންޓަނެޓް

އައްޑޫ ސިޓީއިން ހިއްކާ ނިމިފައިވާ ބިންތަކުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫ ހިއްކާ ނިމިފައިވާ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭން ހަދަން ބޭނުންވާ ކަމަށެވެ. މި ގޮތުން މި ބިންތަކުގެލޭންޑް ޔޫސް ޕްލޭން ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު 13، 2023 ވާ ބުދަ ދުވަހުގެ 10:00 އިން ފެށިގެން ސެޕްޓެމްބަރު 20، ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް ބީލަން ހުށަހަޅުމަށް އެދިފައެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން އައްޑޫ ސިޓީން ޖުމްލަ 193 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ހިއްކާފައިވާ ސަރަހަައްދުތަކުގެ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށްގެންދާ މަޝްރޫއެކެވެ.