English Edition
Dhivehi Edition

އެންމެ މޮޅު އަރަބި ކުޅުންތެރިޔާގެ މަގާމުވެސް ސަލާހް ހޯދައިފި

އިނގިރޭސި ޕްރިމިއަ ލީގުގެ ލިވަޕޫލަށްކުޅޭ މިސްރުގެ ތަރި މުހައްމަދު ސަލާހް އެންމެ މޮޅު އަރަބި ކުޅުންތެރިޔާގެ މަގާމު ހޯދައިފިއެވެ.

މިދިޔަ މަހު ބީބީސީ ސްޕޯޓްސް އިން ހޮވި މިސްރުގެ އެންމެ މޮޅު ކުޅުން ތެރިޔާގެ މަގާމު ހޯދި 25 އަހަރުގެ ސަލާހް އެންމެ މޮޅު އަރަބި ކުޅުން ތެރިޔާގެ މަގާމު ހޯދާފައިވަނީ ކުޅިވަރުލިޔާ ޚަބަރުލިޔާ 100 ވުރެ ގިނަ އަރަބި ނޫސްވެރިން ދިން ވޯޓަކާ އެކުގައެވެ.

އިޓަލީގެ ރޯމާގައި ކާމިޔާބު އަހަރުތަކެއް ހޭދަ ކުރުމަށްފަހު ލިވަޕޫލް އާއި ގުޅުނު ސަލާހް ވަނީ މި ސީޒަންގައި ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކައި ޕްރިމިއަ ލީގުގައި ކުޅުނު 23 މެޗުގައި 17 ލަނޑު ކާމިޔާބު ކޮށްފައެވެ.

ސަލާހް ވަނީ ކުލަބް ލެވެލްގައި މޮޅު ކުޅުމެއް ދެއްކުމުގެ އިތުރަށް ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކައި މިއަހަރު ރަޝިޔާގައި އޮންނަ ފީފާ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ސަލާހް މިއަހަރު އެންމެ މޮޅު އަރަބި ކުޅުން ތެރިޔާގެ މަގާމު ހޯދާފައިވާ އިރު އޭނާއާ އެންމެ ގާތުން މިފަހަރު މި އެވޯޑްއަށް ވާދަކޮށްފައިވަނީ ސައުދީއަރަބިޔާގެ އަލް ހިލާލްއަށް ކުޅޭ ސިރިޔާގެ އުމަރާއި، އަލް އަހުލީއަށް ކުޅޭ އުމަރު އަލް ސޯމާއެވެ.

މިދިޔަ ދެ މަހުގެ ތެރޭގައި މިސްރުގެ އެންމެ މޮޅު ކުޅުން ތެރިޔާގެ މަގާމާއި އަރަބި ގައުމުތަކުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސަލާޙަކީ އަންނަ ބުރާސްފަތި ދުވަހު ގާނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާނެ ކަމަށް ބެލެވޭ ކުޅުންތެރިޔާއެވެ.