English Edition
Dhivehi Edition
އަހުމަދު މުނައްވަރު ފޮޓޯ: އަހުމަދު ޝަރުހާން

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އައްޔަންކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރަންޖެހޭ ދިރާސާތައް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު ހާޝިމް ވަކިކުރައްވައި، އެ މަގާމަށް، މި ސަރުކާރުގެ މާލީ އެޑްވައިޒަރުގެ މަގާމުގައި މިހާރު ހުންނެވި މުނައްވަރުގެ ނަން ރައީސް ވަނީ ހުށަހަޅުއްވައިފައެވެ.

މިއަދުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާކޮށްފައިވާއިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކުރުމަށްޓަކައި މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައެވެ.

ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން ރައީސަށް ލަފާ އެރުވުމަށް މަޖިލިސް ތަޅުމުން އިއްޔެ ފާސްކުރީ 63 މެންބަރުންގެ ވޯޓާ އެކުއެވެ. އެ ވޯޓުގައި ގަވަރުނަރު ވަކިކުރުމާ ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ ނުވަ މެންބަރުންނެވެ.