English Edition
Dhivehi Edition
މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް ނަމާދު ވަގުތު ޖެހިއްޖެނަމަ، އެކަން އަންގައި ދިނުމުގެ ގޮތުން މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފިއެވެ.

މަޖިލިހުގެ އިއްޔެގެ ޖަލްސާގައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވާހަކަ ދައްކަވަމުން ދަނިކޮށް، މެންދުރު ނަމާދު ވަގުތު ޖެހުމާއެކު މައިކުގެ އަޑު ކަނޑުވާލައި، ބަންގީގެ އަޑު މަޖިލީހުގެ ތަޅުމުގައި އިއްވާފައިވެއެވެ.

މިއީ މިފަދައިން މަޖިލީހުގެ ތަޅުމުގައިމި ކަން ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބަންގި ވަގުތުގައިވެސް މެދުކެނޑުމެއްނެތި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެއެވެ.

ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله ވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށްދާ އިރު ނަމާދު ވަގުތު ޖެހިއްޖެނަމަ މަޖިލީހުގެ ތަޅުމުގައިވެސް ބަންގީގެ އަޑު އިއްވާ ގޮތަށް ނިންމަވާފައިވާކަން އިޢުލާން ކުރައްވާފައެވެ.

މަޖިލީހުގެ ރައީސްގެ މި ނިންމެވުމާއި ގުޅިގެން، އެވަގުތު ވާހަކަ ދައްކަވަމުން ގެންދެވި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ މަޖިލިސް ރައީސް އަބްދުއްރަހީމްގެ ރިޔާސަތުގައި މުހިންމު ފިޔަވަޅެއް އެޅުއްވި ދުވަހެއް ކަން ފާހަގަކުރައްވައި މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު ގުގުމައިގެން ދިއުމަކީ މަޖިލިސް ރައީސް ކުރެއްވި ވަރަށް މުހިންމު ކަމެއްކަމަށް ޝުޖާޢު ވަނީ ވިދާޅުވެފައެވެ.