ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަން ހުށަހެޅުމަށް ޕީއެންސީން ނިންމައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު މުލި އާގޭގައި ބޭއްވި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ޕީއެންސީގެ އިންތިޚާބީ މަޖިލިސް މެންބަރުންގެ ބައްދަލުވުމުގައި އެ ދެ ބޭފުޅުންގެ ނަން ހުށަހަޅުއްވާ، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން އެ ނަންތައް ފާސްކޮށްފިއެވެ.
އަބްދުއްރަހީމަކީ ވިހިވަނަ މަޖިލީހުގެ ރައީސްކަން ކުރައްވާނެ ކަމަށް ކުރިއްސުރެ ގިނަ ބަޔަކު ގަބޫލުކުރައްވާ ބޭފުޅެކެވެ. ނަމަވެސް މީގެ ކުރިން އޭނާ ވިދާޅުވެފައިވަނީ މަޖިލީސް ރައީސްކަމަށް އަމިއްލައަށް ޝައުގުވެރިވެވަޑައިނުގަންނަވާ ކަމަށާއި، އެކަމަށް މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.
ނާޒިމަކީ 18 ވަނަ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ތަޖުރިބާކާރެކެވެ. ނަމަވެސް ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން އޭނާގެ މަޖިލިސް ގޮނޑި ގެއްލިފައިވެއެވެ.
ވިހިވަނަ މަޖިލީހުގެ 74 މެންބަރުން ޕީއެންސީ ތަމްސީލުކުރާނެއެވެ. މީގެ ތެރޭގައި އިންތިޚާބަށް ފަހު ޕާޓީއާ ގުޅިވަޑައިގެންނެވި 7 މެންބަރުން ހިމެނެއެވެ.
ވިހިވަނަ މަޖިލިސް ހުވާކުރުން އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ. ހުވާކުރުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ސިއްރު ވޯޓަކުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރާނެއެވެ.