English Edition
Dhivehi Edition
މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވައިކުރުމަށްފަހު، މާދަމާ އޮންނާނެ މަޖިލީހުގެ ރައީސް ހޮވުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދުކަމަށް ރައްޔިތުންގެ މަޖިލީހުން އަންގައިފި އެވެ.

މާދަމާ ހެނދުނު 9:00 ގައި މެމްބަރުން ހުވައިކުރުމަށްފަހު، 10:15 ގައި އޮންނާނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރުމުގެ ޖަލްސާ އެވެ. މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމުގެ ޝަރަފު ލިބިވަޑައިގެންފައި ވަނީ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދަށެވެ.

ސިޔާމަށް ރިޔާސަތު ބެލެހެއްޓެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިއިރު، އޭނާ މަޖިލީހަށް މިފަހަރު އިންތިޚާބުވެވަޑައިގެންފައިވަނީ ފަސް ވަނަ ދައުރަކަށެވެ. މީގެ އިތުރުން، 19 ވަނަ މަޖިލީހުގައި ވެސް ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ސިޔާމެވެ.

ރައްޔިތުންގެ މަޖިލީހަށް މިފަހަރު 93 މެމްބަރުންނަށް އަދަދު އިތުރުވީއިރު، އޭގެ ތެރެއިން 70 އަށްވުރެ ގިނަ މެމްބަރުންނަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެމްބަރުންނެވެ. އެ ޕާޓީން ނިންމައިފައި އޮތީ މަޖިލިސް ރައީސްކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބަކަށް ދަނގެތީ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ހުށަހެޅުމަށެވެ.