English Edition
Dhivehi Edition

ގދ. ތިނަދޫ ކައުންސިލް އިދާރާއިން 1.9 މިލިއަން ރުފިޔާގެ ބިލް ނުދައްކައިގެން އެ އިދާރާއިން ކަރަންޓު ކަނޑާލައިފިއެވެ.

ނިމިގެން ދިޔަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ނުދެއްކި ހުރި ބިލްތަކެއް ހުރުމާއެކު މިއަދު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާފައިވާ ކަމަށް އެ އިދާރާގެ ޑިރެކްޓަރު އަޙްމަދު ނާޝިދު ވަނީ އޭ.އޯ ނިއުސް އަށް ކަށަވަރުކޮށްދީފައެވެ.

ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލުމާއި ބެހޭގޮތުން އޭ.އޯ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޝިދު ވިދާޅުވީ ގދ. ތިނަދޫގައި ހުންނަ މިސްކިތްތަކުގެ ބިލްތަކާއި މަގު ބައްތިތަކުގެ ބިލްތައް ވެސް ހިމެނޭގޮތަށް ތިނަދޫ ކައުންސިލް އިދާރާއިން ދައްކަންޖެހޭ ޖުމްލަ 1.9 މިލިއަން ރުފިޔާ ދެއްކުމަށް އައިސްފައިވާ ސްޓޭޓްމެންޓެއް މިހާރުވެސް އޮތްކަމަށެވެ.

ކަނޑައެޅިފައިވާ ބަޖެޓަށް ކައުންސިލަށް ލިބެމުންދާ މިންވަރަކުން ބިލްތައް ދައްކަމުން އަންނަ ކަމަށާއި ނަމަވެސް ކޮންމެ ކުއާޓަރ އަކަށް ކައުންސިލަށް ލިބެމުން އަންނަ 08 ލައްކަ ރުފިޔާއިން ރަށުގެ ތަރައްގީއަށް ހިންގާ ޕްރޮޖެކްޓްތަކާއި މަރާމާތު ތަކުގެ ޚަރަދުގެ އިތުރުން އިދާރާގެ މުވައްޒަފުންގެ މުސާރަ ދިނުމަށްފަހު ފައިސާ ދެއްކުމުގައި ދަތިތަކެއް ހުންނަ ކަމަށް ނާޝިދު ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް މިމަހުން ފެށިގެން ކަރަންޓު ބިލްތަކަށް ފައިސާ ދެއްކުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއަދު 01 ލައްކަ ރުފިޔާގެ ބިލް ދައްކާނެކަމަށް ފެނަކަ ކޯޕަރޭޝަނަށް އަންގާފައި ވާނެ ކަމަށްވެސް ނާޝިދު މަޢުލޫމާތު ދެއްވިއެވެ. މީގެއިތުރުން 01 ލައްކައިގެ ބަދަލުގައި 05 ލައްކަ ރުފިޔާ ދެއްކުމަށް ނިންމައި އެމަސައްކަތް ކުރިއަށް ގެންދަނިކޮށް ކަރަންޓު ކެނޑުމާއި ގުޅިގެން އެމަސައްކަތް ހުއްޓިފައިވާ ކަމަށް ނާޝިދު ފާހަގަކުރެއްވިއެވެ.