English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.

އެ ހާދިސާއާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސިޔާސީ ކަންކަމުގައި ހަމަނުޖެހުމަށް ޖާގައެއް ނެތް ކަމަށާއި ހުރިހާ ތަނެއްގައި ހިންގާ ހުރިހާ ބާވަތެއްގެ ހަމަނުޖެހުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ . އަދި ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޓްރަމްޕާއި އެމަނިކުފާނުގެ އާއިލާގެ އިތުރުން ހަމަލާގައި ޒަޚަމްވި އެހެން ފަރާތްތަކަށްވެސް ހަމްދަރުދީ އާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ.

އެމެރިކާގެ ކުރިއަށް އޮތް ރިޔާސީ އިންތިހަބުގެ ކެމްޕެއިން ރެލީއެއްގައި ޓްރަމްޕަށް އަމާޒުކޮށް މިހާކު ބަޑި ޖެހީ ޕޯޑިއަމް ކައިރީގައި ހުއްޓި ވަޑައިގެން ވާހަކަ ދައްކަވަން ފެއްޓެވިތާ މާގިނައިރެއް ނުވަނީހެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ހަމަލާގައި ވަޒަން އަމާޒުވީ ކަނާތު ކަންފަތަށްކަމަށެވެ، އަދި އެ މަނިކުފާނުގެ ތަރުޖަމާނު ވަނީ ޓްރަމްޕަށް ފަރުވާ ދެމުން އަންނަނީ ލޯކަލް މެޑިކަލް ސެންޓަރެއްގައި ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ސީކްރެޓް ސާވިސްގެ ތަރުޖަމާނު އެންތޮނީ ގުގްލިއެލްމީ ވިދާޅުވީ ޓްރަމްޕަށް އަމާޒުކޮށް ހަމަލާދިން މީހާ މަރާލާފައިވާކަމަށާއި އެ ހަމަލާގައި އިތުރު މީހަކު މަރުވެ، ދެ މީހަކަށް އަނިޔާވި ކަމަށެވެ.