English Edition
Dhivehi Edition

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ކުރެއްވި ޓްވީޓެއްގައި ޕާކިސްތާނަށް ފާޑުވިދާޅުވެފައި ވަނިކޮށް ޕާކިސްތާނުން ހޫނުގަދަ ރައްދެއް ދީފިއެވެ.

އެމެރިކާގެ ރައީސް ހޯމަ ދުވަހު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ޕާކިސްތާނަށް 33 ބިލިއަން ޑޮލަރުގެ އެހީ ވޭތުވެދިޔަ 16 އަހަރު ދީފައިވާއިރު އެކަމުގެ ބަދަލުގައި އެގައުމުގެ ފަސްގަނޑުގައި ފިލައިތިބި ޓެރަރިސްޓުންނަށް ހިޔާވަހިކަން ދީފައި ވާކަމަށެވެ. އަދި ޕާކިސްތާނުން އެމެރިކާއަށް ހަދައިފައިވަނީ ދޮގުތަކެއް ކަމަށެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޚަވާޖާ އާސިފް އެކަމަށް ރައްދު ދެއްވައި ހޯމަދުވަހު އެގައުމުގެ ޖިއޯނެޓްވޯކް ޓީވީއަށް ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސް ވަނީ އެމެރިކާއިން އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގައި ބަލިވެފައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސްގެ ފާޑު ވިދާޅުވުންތައް އައިސްފައި އެވަނީ އެހެންވެ ކަމަށެވެ.

އެނާ ވިދާޅުވި ގޮތުގައި ޕާކިސްތާނުންވަނީ އެމެރިކާއަށް މާކުރިންވެސް ނޫނެކޭ ބުނެފައި ކަމަށެވެ. އަދި އެހެން ކަމުން ޓްރަމްޕްގެ ވާހަފުޅުގައި އެއްވެސް އަސްލެއް ނެތްކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ޕާކިސްތާނުން އެމެރިކާއިން މިހާތަނަށް ދީފައިވާ ހުރިހާ އެހީއެއް އާންމު ކުރުމަށް ތައްޔާރު ކަމަށެވެ.

އޭގެ އިތުރުން ޕާކިސްތާނުގެ ދިފާއީ ވަޒީރު ވަނީ ޓްރަމްޕްގެ ޓްވީޓަށްފަހު ޕާކިސްތާނުގެ މިނިވަންކަން ކަށަވަރު ކުރުމަށް އެގައުމު ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. އެގައުމުގެ ދިފާއީ ވުޒާރާއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕާކިސްތާނުން އެމެރިކާއަށް އެއްގަމާއި ވައިގެ މަގުން ކުރެވޭ ހުރިހާ މުޢާމަލާތްތައް ހިއްސާ ކުރާކަމަށެވެ. އެކަމުގެ ސަބަބުން ވޭތުވެދިޔަ 16 އަހަރު އަލްގައިދާގެ ބާރު ކުޑަވެފައިވާ އިރު އޭގެ ބަދަލުގައި އެމެރިކާއިން ދީފައިވަނީ މަލާމާތް ކަމަށެވެ. އަދި އެމެރިކާއިން ބޯޑަރުގެ އަނެއްފަޅީގައިތިބެ ޕާކިސްތާނު ރައްޔިތުންނަށް ހަމަލާދޭ ފަރާތްތައް މައިތިރި ނުކުރެވޭ ކަމަށެވެ.

އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސްގެ ޓްވީޓަށްފަހު، ޕާކިސްތާނުންވަނީ އެމެރިކާއިން އެގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެގައުމުގެ ޚާރިޖިއްޔާއަށް ހާޒިރު ކުރައްވައިފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޕާކިސްތާނާއި އެމެރިކާއާ ދެމެދު މަސްރަހު މިފަހަކަށް އައިސް ވަނީ ހޫނު ވެފައި ކަމަށެވެ. އެކަމުން އެނގިގެންދަނީ އެމެރިކާއިން އަފްޣާނިސްތާނުގައި ކުރަމުން އަންނަ ހަނގުރާމައަށް 16 އަހަރުވިއިރުވެސް އެކަން ކޮޅެއްގައި ޖެހިފައިނުވުން ކަމަށް އެފަރާތްތަކުން ބުނެއެވެ.