އުތުރު ކޮރެއާއަށް ތެޔޮ ފޯރުކޮށްދިނުމުގައި ޗައިނާއިން އެހީތެރި ވާކަމުގެ ތުހުމަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވައިފިއެވެ.
ޓްރަމްޕް މިކަމަށް ތުހުމަތު ކުރެއްވީ އެކަމާބެހޭ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ ޗައިނާއިން އެފަދަ އަމަލުކުރާ ކަމަށްވާނަމަ އުތުރު ކޮރެއާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ގެނަން ދަތިވާނެ ކަމަށެވެ.
ޗައިނާ އިން ބުނެފައިވަނީ އުތުރުކޮރެއާއާ ދެކޮޅަށް މީގެ ކުރިން އދ. އިން ފާސްކޮށްފައިވާ ދަތިކުރުމުގެ އެއްވެސް ފިޔަވަޅަކާ ޚިލާފުވެފައިނުވާނެ ކަމަށެވެ.
މީގެ އިތުރުން ޗައިނާ ވަނީ އެމެރިކާ އިސްވެ އޮވެ އުތުރުކޮރެއާ ދެކޮޅަށް މިދިޔަ ހަފްތާގައި އދ. އިން ފާސް ކޮށްފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ތާއިދު ކޮށްފައެވެ. މިޤަރާރުގެ ދަށުން އުތުރު ކޮރެއާއިން އެތެރެކުރާ ޕެޓްރޯލްގެ %90 ވަނީ މަނާ ކޮށްފައެވެ.
ދަތިކުރުމުގެ މިފިޔަވަޅު ތަކުގެ މައިގަނޑު މަޤުސަދަކީ އުތުރު ކޮރެއާގެ ދުރުރާސްތާ މިސައިލް ޕްރޮގްރާމަށް ހުއްޓުމެއް ގެނައުމެވެ.
އެމެރިކާގެ ރައީސް މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ދާދިފަހުން ދެކުނު ކޮރެއާގެ ނޫހަކުން ޗައިނާގެ ތެޔޮޓޭންކަރުތަކެއް އުތުރު ކޮރެއާއަށް ސިއްރުން ތެޔޮފޯރު ކޮށްދޭ ކަމަށް ރިޕޯޓު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ދެކުނު ކޮރެއާގެ ސަރުކާރުގެ ފަރާތްތަކާ ހަވާލާދީ އެނޫހުން ބުނެފައިވަނީ ތެޔޮ ބަދަލުކުރާތަން އެމެރިކާގެ ޖާސޫސީ ސެޓެލައިޓަކުން މިދިޔަ އޮކްޓޯބަރ މަހުން ފެށިގެން 30 ފަހަރު ރިކޯޑު ކުރެވިފައިވާ ކަމަށެވެ.
އެމެރިކާއިން މި ރިޕޯޓަށް ވަކި ޖަވާބެއް ނުދެއެވެ. ނަމަވެސް އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ މިފަދަ ކަމެއް މިހާރު ވެސް ހިނގުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ.