މެޕްސް ކޮލެޖްގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބާއްވައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޝަފީޢު ޝަރަފްވެރިކޮށްދެއްވި މިޙަފްލާގައި ވިޔަފާރިއާގުޅޭ ހަތް ދާއިރާއެއްގެ ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީގެ ކޯސްތަކާއެކު، މެޕްސް ކޮލެޖުން ހިންގާ 40 ކޯހަކުން ދަރިވަރުންވަނީ ދަސްވެނިވިފައެވެ. އޭގެތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާސްޓަރ އޮފް ބިޒްނަސް (ފައިނޭންސް) އަދި މާސްޓަރ އޮފް ބިޒްނަސް (ހޮސްޕިޓަލް އެންޑް ހެލްތް ސަރވިސަސް މެނޭޖްމަންޓް) ކޯސްތައް ފުރިހަމަކޮށްފައިވާ ގިނަ ޢަދަދެއްގެ ދަރިވަރުން މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
އިއްޔެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެޕްސް ކޮލެޖުގެ ވައިސް ރެކްޓަރ އެޑްމިނިސްޓްރޭޓިވް އެފެއަރސް އަލްފާޟިލާ އައިމިނަތު ޢަބްދުލް ވާޙިދު ވިދާޅުވިގޮތުގައި، ފާއިތުވެދިޔަ 25 އަހަރު މެޕްސް ކޮލެޖުން އެންމެ އިސްކަމެއްދީފައި ވަނީ މުޖުތަމަޢު ބޭނުންވާފަދަ ކޯސްތަކެއް ތަޢާރަފް ކުރުމަށެވެ. އެގޮތުން ވޭތުވެދިޔަ ހަފްތާގައި މެޕްސް ކޮލެޖުން މުޅިން އައު ތިން މާސްޓަރސް ކޯހެއް ތަޢާރަފްކޮށްފައިވާ ކަމަށް ވައިސް ރެކްޓަރ ވަނީ ވިދާޅުވެފައެވެ. އަލަށް ތަޢާރަފްކުރި މި މާސްޓަރސް ކޯސްތަކާ އެކު މެޕްސް ކޮލެޖުން އޮންލައިންކޮށް މި ލެވެލްގެ ކޯސްތައް ކިޔެވުމުގެ އިންތިޒާރުގައި ތިބި ދަރިވަރުންގެ އިންތިޒާރަށް ނިމުމެއް އައިސް އެ ދަރިވަރުންނަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ވައިސް ރެކްޓަރ ވިދާޅުވިއެވެ. ހަމައެއާއެކު ރޭގެ ރަސްމިއްޔާތުގައި ބެޗެލަރސް ޑިގްރީގެ ކޯސްތައް ފުރިހަމަކުރި ދަރިވަރުންގެތެރެއިން ވެސް މާސްޓަރސް ލެވެލްގެ ކޯސް ފަށަން ބޭނުންވި ދަރިވަރުންނަށް މިއީ ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ވައިސް ރެކްޓަރ ވަނީ ވިދާޅުވެފައެވެ.
މެޕްސް ކޮލެޖަކީ އަބަދުވެސް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު ރަގަޅު ކުރުމަށް އިސްކަންދޭ ކޮލެޖެއް ކަމަށާއި ބަދަލުވަމުން އަންނަ ދުނިޔޭގެ މާޙައުލާއި ގުޅުވައި ރާއްޖެއަށް މުހިއްމު އާ ދާއިރާތަކެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރާ ކޮލެޖެކެވެ. މިގޮތުން މާސްޓަރސް ލެވެލް އޭވިއޭޝަން މެނޭޖްމަންޓް ކޯހެއް ތަޢާރަފްކޮށް މި ކޯސް ފެށުމުގެ ތައްޔާރީތައް މެޕްސް ކޮލެޖުން ވަމުން އަންނަ ކަމަށް ވައިސް ރެކްޓަރ އަލްފާޟިލާ އައިމިނަތު ޢަބްދުލް ވާޙިދު ވިދާޅުވިއެވެ. ހަމަ އެއާއެކު އިނގިރޭސިވިލާތުގެ ޗާރޓެޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (ސީ.އެމް.އައި) އާއި ގުޅިގެން މެޕްސް ކޮލެޖުން ޑިގްރީ ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ސީ.އެމް.އައިގެ މެމްބަރޝިޕް އަދި ސެޓްފިކެޓް ލިބުމުގެ ފުރުސަތު މަގުފަހިވެފައިވާ ކަމަށް ވައިސް ރެކްޓަރ ވަނީ ވިދާޅުވެފައެވެ.
ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި މެޕްސް ކޮލެޖުގެ ފުރާޅުގެ ދަށުން އެތައް ހާސް ދަރިވަރުން ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކޮށް މިއަދު ޤައުމަށް ޚިދުމަތް ކުރާތަން ފެނުމަކީ މެޕްސް ކޮލެޖުގެ ހިންގުންތެރިން ނުހަނު ފަޚުރުވެރިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު ތަޢުލީމީ ދާއިރާއިންނާ މުވައްޒަފުން ބިނާކުރާ މުއައްސަސާތަކާ ކުންފުނިތަކުން މެޕްސް ކޮލެޖަށް ކުރާ އިތުބާރު ދެމެހެއްޓިގެންދާ މަންޒަރަކީ މި ފެށޭ މަހު މެޕްސް ކޮލެޖުން ފާހަގަކުރާ އެކޮލެޖުގެ ރިހިޔޫބީލްގެ އުފާވެރި މަންޒިލަށް ވާސިލުކޮށްދިނުމުގެ އެންމެ މަތިވެރި މަދަދު ކަމަށް ވިދާޅުވިއެވެ.
ޙަފްލާ ޝަރަފުވެރިކޮށްދެއްވި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަލްފާޟިލް އަޙުމަދު ޝަފީޢުގެ ވާހަކަފުޅުގައި ވަރަށް މުހިއްމު ފަސް ނުކުތާއެއް ދަރިވަރުންނާ މުޚާތަބުކޮށް ފާހަގަކުރެއްވިއެވެ. އެގޮތުން ހާސިލުކުރެވުނު ސަނަދުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ ދަރިވަރުންގެ ކިބައިގައި ހުރި ހުނަރާއި ތަޖުރިބާ ކުރިޔަށްދާން ކަނޑައަޅާ ދާއިރާއަކުން އެންމެ ރަގަޅު ގޮތުގައި ދެއްކުމުން ކަމަށާއި އެ ހުނަރާއި ތަޖުރިބާތައް ފުރިހަމަ ގޮތުގައި ދެއްކުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރުމަށް ޖެހޭކަމަށް އިލްތިމާސް ކުރެއްވިއެވެ. ދިރިއުޅުމުގައި ވަކި ތަސައްވަރުތަކެއް ކަނޑައަޅާ ހާސިލުކުރި ޢިލްމުގެ އެހީގައި ޤައުމަށް ޚިދުމަތް ކުރުންމަތީ ދެމިތިބެ މުޖްތަމަޢުގައި ހުރި ނޭދެވޭ މައްސަލަތައް ހައްލުކުރުމުގައި ޒިންމާދާރު ބައެއްގެ ގޮތުގައި މަސައްކަތްކޮށް ދިނުމަށް ރޭގެ ދަސްވެނިންނަށް އަލްފާޟިލް އަޙުމަދު ޝަފީއު އިލްތިމާސް ކުރެއްވިއެވެ.
ޝަރަފްވެރި މެހެމާންގެ ވާހަކަފުޅު ނިންމާލައްވަމުން ދިވެހި ޤައުމުގެ ކުރިމަގަށް ބޭނުންވާ ޢިލްމުހުރި، ޤާބިލު ފަރާތްތަކެއް ބިނާކުރުމުގައި މެޕްސް ކޮލެޖުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް މެޕްސް ކޮލެޖުގެ އިސްވެރިންނަށް ވަރަށް ހާއްސަ ޝުކުރު އަދާކުރެއްވިއެވެ. މި އަހަރުގެ ދަސްވެނިންގެ ތެރެއިން އެކިއެކި ކޯސްތަކުން މަތީ ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް މި ރަސްމިއްޔާތުގައި އިނާމުދެވުނެވެ. އަދި މެޕްސް ކޮލެޖަށް ތަފާތު ގޮތްގޮތުން ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރިންނަށްވެސް އެވޯޑްދެއްވުން އޮތެވެ.