English Edition
Dhivehi Edition

މިހާރު ޖަރުމަނުގައި ކުރިޔަށްދާ ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ރޫމޭނިއާ އާއި ނެދަލެންޑްސް ބައްދަލުކުރާނެއެވެ. މިރޭ މި ދެޓީމު ބައްދަލުކުރާ މެޗު ރާއްޖޭ ގަޑިން 21:00 ގައި ކުޅެން ހަމަޖެހިފައިވާއިރު، މި މެޗު ކުޅޭނީ މިޔުނިކް ފުޓްބޯލް އެރީނާގައެވެ.

ހެޑް-ޓު-ހެޑް ނަތީޖާތައް:

ރޫމޭނިއާ އަދި ނެދަލެންޑްސް މިރޭގެ މެޗަށް ނުކުންނައިރު، މި ދެޓީމު މީގެ ކުރިން ޔޫރޯގެ ފައިނަލް ބުރުގައި ވާދަކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2008 ވަނަ އަހަރު އޮސްޓްރިއާ އަދި ސްވިޒަލެންޑް ގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މި ދެޓީމު ބައްދަލުކޮށްފައިވާއިރު، އެ މެޗު 0-2 ގެ ނަތީޖާއިން މޮޅުވެފައިވަނީ ނެދަލެންޑްސް އެވެ.

މިރޭގެ މެޗަކީ ޔޫރޯ ފުޓްބޯޅަ މުބަރާތުގެ ތާރީޚުގައި މި މުބަރާތުގެ ފައިނަލް ބުރުގައި މި ދެޓީމު ވާދަކުރާ ދެވަނަ ފަހަރެވެ. އަދި މި މުބާރާތުގެ ދެވަނަ ބުރުގެ މެޗެއްގައި މި ދެޓީމު ވާދަކުރާ މީ ފުރަތަމަ ފަހަރެވެ.

ރޫމޭނިއާ

ރޫމޭނިއާ އަކީ މިފަހަރުގެ ޔޫރޯ މުބާރާތުގައި އެންމެ ބޮޑު ސިހުމެއް ގެނުވި އެއް ޓީމެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން ބެލްޖިއަމް އަދި ޔޫކްރޭން ފަދަ ގައުމުތައް ފަހަތައް ޖައްސާލައި ގްރޫޕުގެ އެއްވަނަ ހޯދާ، ދެވަނަ ބުރުން ޖާގަ ކަށަވަރުކުރުން ވެގެން ދިޔައީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހައިރާންމަކަށެވެ. ރޫމޭނިއާ އިން އެޓީމު ހިމެނުނު ގްރޫޕް އީގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ، އެއްމެޗު އެއްވަރުކޮށް އެއްމެޗުން ބަލިވެ، ޖުމުލަ ހަތަރު ޕޮއިންޓާއި އެކުގައެވެ.

ރޫމޭނިއާއިން މިފަހަރުގެ މުބަރާތުގެ ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ހައިރާންކުރަނިވި ނަތިޖާތަކަކީ އެ ޓީމާއި ދެކޮޅަށް މިރޭ ނުކުންނަ ނެދަލެންޑްސް އެކަމާއި މެދު ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމެކެވެ. އެހެން ކަމުން މިރޭގެ މެޗު ނެދަލެންޑްސް އިން ފަސޭހަކޮށް ނުނަގާނެއެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ރޫމޭނިއާ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ މައްސަލައެއް ނެތި، އެޓީމުގެ ހުރިހާ ކުޅުންތެރިންވެސް ފިޓުކޮށް ތިބުމެވެ.

މިރޭގެ މެޗަށް ނެދަލެންޑްސް އާއި ދެކޮޅަށް ރޫމޭނިއާ އިން ނެރޭ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލްކީޕަރު ނީޓާ، ރަޓިއު، ޑްރަގޫސިން، ބުރްކާ، ސޮރެސްކޫ، މެރިން، ހާގީ، އާރް މެރިން، ސްޓެންސިއު، ކޯމަން، ޑްރެގަސް.

ނެދަލެންޑްސް

ނެދަލެންޑްސް އަށް ބަލާއިރު، އެޓީމުން ދެވަނަ ބުރުގެ ޖާގައެއް ހޯދިނަމަވެސް ގުރޫޕް ސްޓޭޖުގައި ނެރުނު ނަތިޖާތައް މާ ރަނގަޅެއް ނޫނެވެ.
އެޓީމުން ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަނެއް ދެމެޗުގެ ތެރެއިން އެއް މެޗުން ބަލިވިއިރު، އަނެއް މެޗުން ވީ އެއްވަރެވެ. ލިބުނީ ގުރޫޕުގެ ތިންވަނައެވެ. އެހެންކަމުން ދެވަނަ ބުރުން ނެދަލެންޑްސްއަށް ފުރުސަތުލިބުނީ ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތިޖާ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ނެދަލެންޑްސްއަށް ލިބޭނެ އެންމެ ބޮޑު ހިންހަމަ ޖެހުމަކީ އެޓީމުގެ ހުރިކާ ކުޅުންތެރިންވެސް ފިޓްކޮށް ތިބުމެވެ. އެޓީމުން މިރޭގެ މެޗަށް ނުކުންނައިރު، ފުރަތަމަ އެގާރައަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ. އެގޮތުން އެޓީމުން މިރޭ ރޫމޭނިއާއާއި ދެކޮޅަށް ނެރޭނީ އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ނެރުނު ފުރަތަމަ 11 ކުޅުންތެރިންކަމަށް ބެލެވެއެވެ.

މިރޭގެ މެޗަށް ރޫމޭނިިއާ އާއި ދެކޮޅަށް ނެދަލެންޑްސް އިން ނެރޭ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލްކީޕަރު ވަރބްރޫގޭން، ޑަމްފްރައީސް، ޑި ވްރިޖް، އަކޭ، ވެން ޑައިކް، ޝޫޓެން، ސިމޮންސް، ރެއިޖްންޑަރސް، ފްރިމްޕޮންގ، ޑިޕާއީ، ގަކްޕޯ.

ދެވަނަ ބުރުގައި ރޫމޭނިއާ އަދި ނެދަލެންޑްސް ބައްދަލުކުރާ މެޗު ފެށާނީ މިރޭ ރައްޖޭ ގަޑިން 9 ޖަހާއިރުގައެވެ.