English Edition
Dhivehi Edition
ހައްޖުވެރިން އެނބުރި އައުން. ފޮޓޯ ހައްޖު މިޝަން

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދިޢަރަބިއްޔާއަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ. 352 ހައްޖާޖީންނާއެކު ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ދަތުރުކުރި ފްލައިޓް ރާއްޖެ އައީ ހުކުރު ދުވަހު މެންދުރު 3:38 ހާއިރުއެވެ.

ހައްޖު މިޝަންއިން މަޢުލޫމާތު ދެއްވި ގޮތުގައި ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ މީހުން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. އޭގެތެރެއިން ފުރަތަމަ ގްރޫޕްގެ ހައްޖުވެރިން މިމަހުގެ 24 ވަނަ ދުވަހު އައިސްފައިވާއިރު އެ ގްރޫޕްގައި 296 މީހަކު ހިމެނެއެވެ. ހައްޖުވެރިންގެ ފަހު ދެ ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހާއި 4 ވަނަ ދުވަހުއެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް 1150 މީހަކު މައްކާއަށް ގޮސްފައިވެއެވެ. އޭގެ ތެރެއިން 1149 މީހުންވަނީ ޙައްޖުގެ އަޅުކަން އަދާކޮށްފައެވެ.

މި އަހަރު ރާއްޖޭއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެކަކު ނިޔާވި އެވެ. އަދި އިތުރު މީހަކަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދީފައިވެއެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައި ވަނީ، ހައްޖު އޮޕަރޭޝަން ކާމިޔާބުކަމާ އެކު ގެންދެވުނު ކަމަށާއި އެކަން އުފަލާ އެކު ފާހަގަކުރައްވާ ކަމަށެވެ. ވަޒީރު ވިދާޅުވީ ގިނަ ކަންތައްތަކެއް ޙައްޖުވެރިންނަށް މިއަހަރު ފަހިކޮށްދެއްވާފައިވާ ކަމުގައެވެ. އެގޮތުން ހަމަޖެހިފައިވާ އިންތިޒާމްތަކުގެ ތެރޭގައި:

  • ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދެއްވުން.
  • ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުން.
  • ހާޖީންގެ ތެރޭގައި ތިބި ޑައިލެލިސް ހަދާ ފަރާތްތަކާއި ކެންސަރު ފަރުވާ ހޯދާ ބައެއް މީހުން އަދި ހިތުގެ ބަލި ހުންނަ އެންމެނަށް އޯގާތެރިކަން ފޯރުކޮށްދެވުން.
  • އެޑްމިޓްކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެއްވުން.
  • މަގު އޮޅުނު 100 އެއްހާ ހާޖީން ޑިވައިސްގެ އެހީގައި ލޮކޭޓްކޮށްގެން ގެނެވުން.
  • އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް.
  • ބަލި މީހުން ވެސް އަރަފާތަށް ގެންދެވުނު
  • ވީލްޗެއާގައި އުޅުނު ގިނަ އަދަދެއްގެ ހާޖީންނަށް އެހީތެރިކަން ދެވުމުގެ އިތުރަށް
  • އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ މަކަށް ވިދާޅުވިއެވެ.

މިކަންކަން ރަނގަޅުކަން ފާހަގަކުރެއްވި ނަމަވެސް، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި މިނާގެ ފޭލިގެތަކުގައި ތާށިކަމެއް ހުރި ކަމަށް މިނިސްޓަރު ވެސް އެއްބަސްވެވަޑައިގެންނެވި އެވެ. އަދި އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތް ތަނުގައި ރަނގަޅުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެއްވީ ހޫނު ގަދަ މާހައުލެއްގައި ހާޖީންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އަދި މިއަހަރުގެ ހައްޖުގެ ކަންކަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް މިނިސްޓަރ ޝަހީމް ޝުކުރު އަދާކުރެއްވި އެވެ.

ޙައްޖުވެރިން އެނބުރި އަންނަ ދުވަސްވަރާ ދިމާކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ)އިން ވަނީ ބަލިތައް ގިނަވެދާނެތީ ސަމާލުވާން އިލްތިމާސްކޮށްފައެވެ. އޭގެއިތުރުން ހައްޖާޖީންނަށް ޚާއްސަކޮށްގެން އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް ވެސް ހުޅުވާފައިވެ އެވެ.