English Edition
Dhivehi Edition

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންނަށް ލޮކޭޓިންގ ޑިވައިސްއެއް ދިނުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނީ މި އަހަރު ހައްޖަށް ދާ މީހުންނަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި، ދިވެހި ހައްޖުވެރިން ގެއްލޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ލޮކޭޓިން ޑިވައިސްއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ލޮކޭޓިންގ ޑިވައިސް ދެނީ އޭގެ ބޭނުން އެންމެ ބޮޑަށް ޖެހޭނެ ކަމަށް ބެލެވޭ ފަރާތްތަކަށް ކަމަށާއި އެފަދަ ފަރާތްތައް ދެނެގަތުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް އެތެރެވާ ހިސާބުން ޑިވައިސްދޭނެ ކަމަށް ވެސް ބުނެއެވެ.

އެ ކޯޕަރޭޝަނުން ބުނި މީގެ އެހީގައި ހަރަމްފުޅުގެ ތެރެއިން ނުވަތަ ހައްޖުވެރިން ތިބޭ ހޮޓަލުގެ ބޭރުން ވެސް ހައްޖުވެރިއަކު ގެއްލިއްޖެ ނަމަ އެމީހަކު ހުރި ތަނެއް ފަސޭހަކަމާ އެކީ ދެނެގަނެވި އެ މީހަކު ހޯދޭނެ ކަމަށެވެ.

މި ޑިވައިސް އާ ބެހޭ މައުލޫމާތު މިއަހަރު ހައްޖަށްދާ މީހުންނަށް ދިނުމަށް ބައްދަލުވުންތަކެއް ބާއްވަމުން އަންނަކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުން ފުރަން ފަށާނީ މި މަހުގެ 12 ވާ ހޯމަ ދުވަހުއެވެ. މިއަހަރު ރާއްޖެ އިން ހައްޖަށް ދަނީ 1،000 މީހުންނެވެ. އޭގެ ތެރެއިން 600 ކޯޓާ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

ބާކީ ތިބި މީހުން ހައްޖަށް ދަނީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި އަލްމަނާސިކްގެ އިތުރުން އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގެ ހަވާލުގައެވެ.