English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރ ރާއްޖޭގެ ހައްޖުވެރިންނާ ބައްދަލު ކުރައްވަނީ - ފޮޓޯ: ދިވެހި ހައްޖު މިޝަން

ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ މީހުންނަށް ޚާއްސަކޮށްގެން އައިޖީއެމްއެޗްގައި ފުލޫ ކުލިނިކެއް ހުޅުވައިފިއެވެ.

އައިޖީއެމްއެޗް އިން ނެރުނު ބަޔާނުގައި ވަނީ އެ ފުލޫ ކުލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތް ލިބޭނެ ކަމަށްބުނެފައެވެ.

އެ ކްލިނިކް ހުޅުވައިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00އިން ރޭގަނޑު 20:00އަށެވެ. ކްލިނިކު ހުންނާނީ އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10ގައެވެ.

ހައްޖާޖީން ރާއްޖެ އަންނަ މި ދުވަސްވަރަކީ ބަލިތައް ފެތުރޭ ދުވަސްވަރަކަށް ވުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ފެތުރެމުން އަންނަ އާންމު ބަލިތަކުން ރައްކާތެރި ވުމަށް ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކުރައްވަމުންނެވެ.

މިދިޔަ ހޯމަ ދުވަހު ހައްޖާޖީން އަންނަން ފެށިފަހުން ރާއްޖެއިން ވަނީ، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޭހެއް ފެނިފައެވެ. އެހެންވެ އެޗްޕީއޭއިން ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓުން ދެނެގަނެ އެ މީހުންގެ ފަރުވާ ވެސް ވަނީ ފަށާފައެވެ.

އެޗްޕީއޭއިން ވިދާޅުވާ ގޮތުގައި، މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އެހެންކަމުން ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މިބަލިން ރައްކާތެރިވެވޭނީ މެނިންޖައިޓިސް ވެކްސިން ޖެހުމުން ނެވެ.

އެހެންކަމުން މިއަހަރު ޙައްޖަށް ދިޔަ މީހުންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.