English Edition
Dhivehi Edition

އިގްތިސާދީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތަކުގެ އަދަދުތައް މަދުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރެއްވައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަން ސަރުކާރުން ނިންމާފައިވާކަމަށެވެ.

އެ ގޮތުން ސިޔާސީ މަގާމުތަކުގެ އަދަދުތައް މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަށް ނިންމާފައިވުމުގެ އިތުރުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ އެއްވެސް ހަރަކާތެއް ނުބޭއްވުމަށާއި މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޖަލްސާއެއް އެކަނި ބާއްވާ ގޮތަށް ނިންމެވުން ހިމެނެއެވެ. ޚަރަދު ކުޑަކުރުމުގެ ގޮތުން މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޚަރަދުކުޑަކުރަން ސިޔާސީ މަގާމުތައް މަދުކޮށް، ބައެއް ހަފްލާތަކާއި ހަރަކާތްތައް ނުބާއްވަން ނިންމާފައިވާއިރު، ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ މިޖޫންމަހުގެ 24 ވަނަ ދުވަހު ނިންމަވާފައެވެ. ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް، އަންނަ އަހަރު ގްރީން ޓެކްސް ރޭޓް ރިވިއު ކުރުމަށާއި, ޖީއެސްޓީ ނަގާ މުދާ އިތުރުކުރުމަށާއި އިމްޕޯޓް ޑިއުޓީ ރޭޓުތައް ރިވިއުކުރުމާއި އަދި ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކްސް ރިވިއުކުރަން ވެސް ވަނީ ނިންމާފައިވެއެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމުގެ ވައުދާއެކުގައި ވެރިކަމަށް ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު އުފެދިގެން މިހާތަނަށް އައި އިރު ރެކޯޑު ޢަދަދަކަށް ސިޔާސީ މަޤާމްތައް ވަނީ އުފައްދާފައެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ރަސްމީކޮށް ހާމަނުކުރާތީ އަދި ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ޔަގީން އަދަދެއް ނޭނގުނު ކަމުގައިވިޔަސް އެޢަދަދު ހާހުން މަތިވާނެކަމަށް ލަފާކުރެވެއެވެ.

ސަރުކާރުން މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައި މިވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު “ސީސީސީ ޕްލަސް” އަށް ދައްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ފާއިތުވި ދެ އަހަރު ރާއްޖޭގެ ރޭޓިންއެއްގެ ގޮތުގައި ފިޗުން ކަނޑައެޅީ “ބީ ނެގެޓިވް” އެވެ. މިއައު ރޭޓިންއާއެކު ރާއްޖެއަކީ ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ގައުމެެއްގެ ގޮތުގައި ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.