ތިރީގައި މި ހިއްސާކޮށްލަނީ ގިނަ ބަޔަކަށް އެނގޭނަމުންނަމަ “ފިޓް ނަޝް ލައިފް” ފިޓްނަސް ޓްރެއިނަރ ނަޝް އަށް މީގެ 17 އަހަރު ކުރިން ދިމާވި އޭނަގެ ޙަޔާތް މުޅިން ބަދަލު ކޮށްލި ނުރައްކާތެރި ބައްޔެއް ކަމަށްވާ “މެނިންޖައިޓިސް” ގެ ބަލީގައި ތަޙައްމަލް ކުރި ވޭނީ ދަތުރުގެ ވާހަކައެވެ.
“އަޅުގަނޑު މިވާހަކަ ތިބޭފުޅުންނާ މި ހިއްސާކޮށްލަނީ މީ ނުރައްކާތެރި ބައްޔެއް ކަމަށްވެފައި މިބަލީގެ ވާހަކައެއް މިދުވަސްކޮޅު ދެކެވެމުންދާ ތީ މިބަލީގެ ތަޖުރިބާ އަޅުގަނޑަށް ކުރެވިފަވާގޮތް ތިބޭފުޅުންހިއްސާ ކޮށްލުމަށެވެ”
2007 ވަނަ އަހަރަކީ އަޅުގަނޑުގެ ހަޔާތުގެ ސަފްހާ ތަކުން ހިތާމަވެރި ވޭން ތަކެއް ތަހައްމަލު ކުރަން ޖެހުނު ހިތްދަތި އަހަރެކެވެ .
އެ އަހަރުގެ ޖުލައި މަހު، އަޅުގަނޑު ގެ އެއްބަނޑު އެއްބަފާ އެންމެ ހަގު އަންހެން ކޮއްކޮ އެ ކޮއްކޮގެ ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ޑޮކްޓަރުގެ އިހުމާލުން މިދުނިޔެ ދޫކުރި އެވެ، އެ ހިތާމަވެރި ހާދިސާ ގެ ހިތްދަތި ކަމުގައި އުޅެމުން ދަނިކޮށް އަޅުގަނޑަށް ޗިކަން ގުންޔާ ޖެހުނެވެ
ހުޅުތަކުގައި ރިއްސާ ގަދަޔަށް ހުން އައިސް މާގިނައިން ހޮޑުލެވޭތީ ރަށު ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ
އެރޭ އާދަޔާޚިލާފަށް ގަދަޔަށް ބޮލުގައި ރިހުނު ނަމަވެސް ހެނދުނު ވީއިރު ހާލަތު ތަންކޮޅެއް ރަނގަޅުވުމުން ޑޮކްޓަރ ކައިރީ ގެއަށް ފޮނުވާލަދިނުމަށް އެދި ގެއަށް ދިޔައީމެވެ.
ގެއަށް ފޮނުވާލި ރޭގެ ދަންވަރު ހޮޑުލެވިފައި ފައިކޮޅުން ވާގިދޫވެގެން ވެއްޓުނީއެވެ އަދި އެއްވެސް ތަނެއްވެސް ނުފެނި ނޭވާލާން އުނދަގޫވާން ފެށުމުން އަނެއްކާވެސް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރިއެވެ ،
ޑޮކްޓަރުންނަށް ވެސް ވާނުވާނޭގޭތީ، އެދުވަހުގެ މެންދުރު ނުވަނީސް އޮކްސިޖަނާއެކު ކުޅުދުއްފުށްޓަށް ފޮނުވާލިއެވެ. ހޭވެރިކަންވީ އެ ރޭގެ ވަގުތެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި އޮއްވައެވެ، އޭރު ހަނިމާދޫ މަގުން މާލެ ފޮނުވާލުމުގެ ތައްޔާރީތައް ވަމުންދާނީކަމުގައި ބައްޕަ ބުނުއްވި އަޑުއިވުނެވެ.
ކޮންމެޔަކަސް ހަމަ އެރޭ މާލެ ގެނެވި އައިޖީއެމްއެޗް އިމަރޖެންސީ ގައި ފަރުވާ ފެށުނެވެ. ބޮލުގެ ސިޓީ ސްކޭން އެއް ހެދުމަށްފަހު އެގުނީ ރެއަރ ޑިސީސް އެއްކަމަށްވާ ފުރާނައަށް ނުރައްކާތެރި މެނިންޖައިޓިސް އަށް ޑައިގްނޯސް ވެފައިވާކަމެވެ.
ޑޮކްޓަރ ބުނުއްވިގޮތުގައި އެ ބައްޔަކީ 48 ގަޑިއިރުތެރޭ ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވާ ނުރައްކާތެރި ބައްޔެކެވެ ، ﷲގެ ރަހުމަތްފުޅުން 48 ގަޑިއިރު ވުމުގެ ކުރިން ފަރުވާ ދެވޭ ހިސާބަށްދެވި ބަލި ދެނެގަނެވި ފަރުވާ ފެށުނެވެ
ފަރުވާ ފެށުމުގެ ކުރިން ކަލްޗަރަލް ޓެސްޓެއް ހެދުމައްޓަކާ މައިކަށި ތޮރުފައިގެން ދިޔަނެގުމަށްފަހު އެހިސާބުން މީހާ ކޯމާ އަކަށް ގޮސް 1 ހަފްތާ ކޯމާގައި އޮތުމަށްފަހު ހޭވެރިކަންވީ އިރު ، އަޅުގަނޑު ވަނީ އަތުގެ އިނގިއްޔެއްވެސް އަމިއްލަ އިޚްތިޔާރުގައި ގުޑުވާ ނުލެވޭފަދަ ބަލި ހާލަތުގައެވެ ލޮލަށް ފެނުނު ނަމަވެސް ކޮންމެ އެއްޗެއްވެސް ފެންނަނީ ޑަބަލްކޮށެވެ މީހުންވެސް ފެންނަނީ އެކިފަހަރު އެކިސިފައިގައި އެމީހެއްގެ އަސްލުނޫން ގޮތްގޮތަށެވެ.
ވަރުގަދަ އެންޓިބަޔޮޓިކް މެދުނުކެނޑި 21 ދުވަހު ދީ ނިމުނުއިރު، އަޅުގަނޑު ގެ ބޮލުގެ އިސްތަށިގަނޑާ ބުމަޔާ އެސްފިޔަތައް ވެސް ވެރި ގައިގެ ހަންގަނޑު ވެސް ވަނީ ފިލުވެން ފަށާފަ އެވެ އަދި އަޅުގަނޑަށް އަމިއްލަޔަށް ނުވެސް ތެދުވެވެއެވެ ، ނުއެއްކެވެއެވެ. ނުވެސް ހިނގޭމެއެވެ. ހޮސްޕިޓަލުން ގެޔަށް ދޫކޮށްލި އިރު ވެސް އިންނަނީ ފުރޮޅުލީ ގޮނޑީގައެވެ. އަދި މެނިންޖައިޓިސް ޖެހުނުއިރު އަޅުގަނޑު އިނީ ބަލިވެ ބަނޑަށް 3 ހަފްތާ ގައެވެ
އޭގެ އެއްމަސް ފަހުން އިތުރު ފަރުވާ ހޯދުމަށް އިންޑިއާ އަށް ގެންދެވުނެވެ، އަދި ބަނޑުގައި ވާ ދަރިފުޅުގެ ހާލަތު ރަނގަޅުނުވުމާއެކު އެބޯޝަންހެދި، އިންޑިއާގެ ހޮސްޕިޓަލެއްގައިވެސް އެޑްމިޓް ކޮށް ފަރުވާދިނުމަށްފަހު ޑޮކްޓަރ ބުނުއްވީ މެނިންޖައިޓިސް އަކީ ސިކުނޑީގެ ވަށައިގެންވާ ދުލިފަށް ދުޅަވެ ކުރިމަތިވާ ނުރައްކާތެރި ބައްޔެއްކަމުން އެބަލިން ސަލާމަތް ވެވުނު ކަމުގައި ވީނަމަވެސް ޖިސްމާނީ ނުކުޅެދުންތެރިކަން ވެސް ހުރެދާނެކަމަށާއި ހިނގަންވެސް ކާންވެސް އަލުން ޖެހޭނީ ދަސްކުރަން ކަމަށެވެ.
ޑޮކްޓަރ ގެ އިރުޝާދުގެ ދަށުން ކުރިއަށް ގޮސް، އިންޑިއާއިން އައިއިރު މީހުންގެ އަތުގައި ހިފައިގެން ހިނގަން މަސައްކަތް ކުރެވޭވަރުވެއެވެ. މަޑު އެއްޗެހި ކެވެއެވެ
އެހެންގޮތަކަށް ބުނާނަމަ އަޅުގަނޑު އަލުން ދުނިޔެއަށް އައި ކަހަލައެވެ. ހުރިހާ ކަމެއްވެސް އަލުން ހިތްވަރާއެކު ކުރިއަރުވަން މަސައްކަތް ކުރީއެވެ.
ސިއްހީގޮތުން ލިބިފައިވި ބޮޑެތި ގޮންޖެހުންތަކާއެކުވެސް ދިރިއުޅުމާއި ހިތްވަރާއެކު ކުރިމަތިލާ ކަސްރަތުގެ ދާއިރާއަށް ނުކުމެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލެވުމުން މިހާރު ހަމަ އާދައިގެ އެހެންމީހުންނެކޭ ވެސް އެއްފަދައިން ދިރިއުޅުމުގެ ހުރިހާކަމެއް ގައިވެސް ހަރަކާތްތެރިވެ އެބައުޅެވެެއެވެ އަލް ހަމްދު ﷲ!
ﷲ ގެ ރަހުމަތްފުޅުން މި ފަދަ ނުރައްކާތެރި ބައްޔަކުން ސަލާމަތްކުރައްވާ ހެޔޮހާލުގައި ލެހެއްޓެވި ކަމަށްޓަކާ ﷲ ތައާލާ އަބަދުވެސް ޝުކުރުވެރި ވަމެވެ
މެނިންޖައިޓިސް ގެ ބަލީގައި އަޅުގަނޑަށް އަޅާލާ އެހީތެރިވެދިން އާއިލާ މީހުންނާ އެހީތެރިކަން ފޯރުކޮށްދީ ހެޔޮދުއާ ކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު އަދާކޮށް ހެޔޮދުއާކުރަމެވެ.
މާތްﷲ މިފަދަ ނުރައްކާތެރި އެންމެހާ ބަލިތަކުން އަޅަމެން ރައްކާތެރި ކޮށްދެއްވާ ދުޅަހެޔޮ ކަންމަތީ ލަހައްޓަވާނދޭވެ ، އާމީން!