English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ނުވަ ދުވަސް ޖަހައިފިއެވެ.

ފުލުހުން، މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައިވަނީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އެޅި މައްސަލައާއި ގުޅިގެންނެވެ. މި މައްސަލައިގައި މުހައްމަދު އިސްމާއިލްގެ އިތުރުން ދެން ހައްޔަރު ކުރީ، ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް ރައްޒާން (ޓަކީ) އެވެ. އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.

ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ އާއި ގުޅިގެން މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ހަމަނުޖެހުމުގައި ބޭނުންކުރި ދިދަތަކަކީ، ޕީޕީއެމް އޮފީހުން ނެރެގެން ގެންދިޔަ ދިދަތަކެއް ކަމަށް ފުލުހުން ބުނެފައިވާއިރު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.