English Edition
Dhivehi Edition

ކޮންމެ ފުޓުބޯޅަ މެޗެއް ކުޅެން ދަނޑަށް އެރުމުގެ ކުރިން އާޔަތުލް ކުރުސި ކިޔާކަމަށް އިނގިރޭސި ކުލަބް ލެސްޓާ ސިޓީގެ ޑިފެންޑަރ ހަމްޒާ ޗައުދަރީ ބުނެފިއެވެ.

މުސްލިމް އާއިލާއަކަށް އުފަން އުމުރުން 26 އަހަރުގެ ހަމްޒާ ޗައުދަރީ ބުނީ ކޮންމެ ފުޓުބޯޅަ މެޗެއް ކުޅެން ދަނޑަށް އެރުމުގެ ކުރިން އެންމެ އިސްކަމެއް ދެނީ އާޔަތުލް ކުރުސި ކިޔަން ކަމަށާއި އެއީ މަންމަގެ ނަސޭހަތެއް ކަމަށެވެ.

ހަމަޒާ ބުނީ އޭނާގެ މަންމައާއި ބައްޕަ އަދި މުޅި އާއިލާއަކީ ވެސް ސުންނީ މުސްލިމް އާއިލާއެއް ކަމަށާއި، އެގޮތުން އެންމެ ކުޑައިރުއްސުރެވެސް ނަމާދުކުރުމަށާއި ޤުރުއާން ކިޔެވުމަށް އޭނާގެ މަންމަ ބާރުއަޅާކަމަށެވެ.

އެގޮތުން ގުރުއާނުގެ ބައެއް އާޔަތްތަކާއި ގިނަ އަދަދެއްގެ ދުޢާތައް ވެސް ހިތުން ދަސްކުރިކަމަށާއި އެގޮތުން ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއް ކުރުމުގެ ކުރިން އެންމެ އިސްކަމެއް ދެނީ ޤުރުއާނުން އާޔަތެއް ކިޔެވުމަށާއި އެކަމަކާއި ގުޅޭ ދުޢާއެއް ކުރުމަށް ކަމަށް ހަމްޒާ ބުންޏެވެ.

” އަހަރެން އަބަދުވެސް ފުޓްބޯޅަ މެޗެއް ކުޅެން ދަނޑަށް އަރަނީ އާޔަރުލް ކުރުސި ކިޔަވައިގެން. އަދި ދުޢާވެސް ކުރަން. އެއީ އަހަރެންގެ މަންމަ ވަރަށް ބޮޑަށް ބާރުއަޅާ، ނަސޭހަތްތެރިވެފައިވާ ކަމެއް. މަންމަގެ އެދުމާއި އެއްގޮތަށް ގަވައިދުން އެކަން ކުރަން.” ހަމްޒާ ބުނެފައިވެއެވެ.

ހަމްޒާ އަކީ އިނގިރޭސި ވިލާތުގެ ލޯފްބޮރޯއަށް އުފަން ކުޅުންތެރިއެއް ނަމަވެސް، އޭނާގެ މުޅި އާއިލާ ނިސްބަތްވަނީ ބަންގުލަދޭޝްއަށެވެ. އެހެން ނަމަވެސް ހަމްޒާގެ އާއިލާ ދިރިއުޅެމުން ގެންދަނީ އިނގިރޭސިވިލާތުގައެވެ.

އިނގިރޭސި ޔޫތް ޓީމުތަކަށްވެސް ކުޅެފައިވާ ހަމްޒާ ވަނީ ލެސްޓާ ސިޓީއާއި އެކު، 2021 ވަނަ އަހަރުގެ އެފްއޭކަޕާއި އެފްއޭ ކޮމިޔުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އެންމެ ފަހުން އޭނާ ހޯދި ކާމިޔާބީ އަކީ އީއެފްއެލް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށް އިނގިރޭސި ޕްރިމިއާ ލީގަށް ލެސްޓާ ސިޓީއާއި އެކު ޕްރޮމޯޓު ވުމެވެ.