English Edition
Dhivehi Edition

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް ހެދުމަށްޓަކައި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ މޯލްޑިވްސް ފެމިލީ ފައުންޑޭޝަނާ ގުޅިގެން މިއަދު ފެށި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ޤާދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫ ގައި ބަޔާންކުރާ ހައްގުތަކާ ޒިންމާތަށް ކަށަވަރުކުރުމުގެ ގޮތުން އެ ގާނޫނު ތަންފީޒުކުރުމަށް ހަދަންޖެހޭ ގަވައިދުތަކުގެ ތެރެއިން “ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުމާބެހޭ ގަވާއިދު” އަދި “ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުޢާމަލާތް ކުރުމާބެހޭ ޤަވާޢިދު” އެކުލަވާލުމާއި ގުޅޭގޮތުންނެވެ.

“ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުން މަނާ ކުރުމާބެހޭ ޤަވާޢިދު” އަކީ ދިވެހިރާއްޖޭގައި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުން މަނާކުރުމަށްޓަކައި، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު ގެ 37 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން އެކުލަވާލާފައިވާ ޤަވާޢިދެކެވެ. މި ޤަވާޢިދުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނާ ޚިލާފަށް އެކި ގޮތްގޮތުން ދުންފަތުގެ ބާވަތްތަކާއި ދުންފަތުގެ ވިޔަފާރިއާއި ދުންފަތުގެ އިސްތިޢުމާލުކުރުން ޕްރޮމޯޓް ކޮށް އިޝްތިހާރު ކުރުމަށް ކުރަމުންދާ ކަންކަން ހުއްޓުވައި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކޮށް، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމެވެ.

“ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުޢާމަލާތް ކުރުމާބެހޭ ގަވައިދު” އަކީ ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުޢާމަލާތް ކުރުމުގެ ހުއްދަ ދޫކުރުމާއި، އެފަދަ ވިޔަފާރި ތަކުން ޢަމަލުކުރަންޖެހޭނެކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާކަންތައް ތަންފީޒުކޮށް ދުންފަތުގެ ސަޕްލައި ކޮންޓްރޯލްކޮށް އަދި ވިޔަފާރީގެ ޢަމަލުތައް މޮނިޓަރ ކުރެވޭނެ އުޞޫލުތަށް ކަނޑައަޅައި ބަޔާންކުރުމެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، މި ޤަވާޢިދުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުގެ ކުރިން، މިކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާއި މަޞްލަޙަތު ހިމެނޭ އެހެނިހެން ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ. މީގެ އިތުރުން، ޤަވާޢިދު އިތުރަށް ފުރިހަމަ ކުރުމަށާއި ތަންފީޛު ކުރުމުގައި އެ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ހޯދުމަކީވެސް މި ބައްދަލުވުމުގެ މުހިންމު އަމާޒެކެވެ. މި ބައްދަލުވުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނޭހެން ގާތްގަނޑަކަށް 50 ބައިވެރިން ޙިއްޞާވެވަޑައިގަންނަވާނެ ކަމަށް ލަފާކުރެވެއެވެ.

މި ދެ ޤަވައިދު ގެޒެޓް ކޮށް ތަންފީޒުކުރަން ފެށުމަކީ، ޤާނޫނުގެ މުޅި މަޤްޞަދު ޙާޞިލުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތްތަކަށް އަދި ދުންފަތުގެ ވަބާއިން ދިވެހިން ރައްކާތެރިކުރުމަށް ކުރާ މަސައްކަތަށް އިތުރުކުރިއެރުން ލިބޭނެކަމެކެވެ.