English Edition
Dhivehi Edition

ފުޓްބޯޅަ މެޗެއް ކުޅޭއިރު، ލަނޑު ޖެހުމަށް ފަހު އުފާ ފައުޅުކުރުން ނުވަތަ ގޯލް ސެލެބްރޭޝަން ބިނާކޮށްފައިވާނީ ކާއިނާތުގެ ވެރި މާތް ﷲއަށް ތަވައްކަލް ކުރުމުގައި ކަމަށް ތުރުކީއާއި ރެއާލް މެޑްރިޑްގެ ޒުވާން އެޓޭކިންގް މިޑްފީލްޑަރ އަރްދާ ގުލާ ބުނެފިއެވެ.

ޖަރުމަނުގައި މިހާރު ކުރިއަށް ދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުން ޖޯޖިއާއާއި ދެކޮޅަށް ކުޅެ 1-3 އިން މޮޅުވި މެޗަށް ފަހު މީޑިއާއާއި ވާކަހަދައްކަމުން އުމުރުން އެންމެ 19 އަހަރުގެ އަރްދާ ގުލާ ބުނީ ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަ ހަމަދުކޮށް ޝުކުރުކުރަން ޖެހޭ ފަރާތަކީ ކާއިނާތުގެ ވެރި މާތް ﷲ ކަމަށާއި، ހުރިހާ ކަމެއް ވެސް މިންވަރުކުރައްވަވަނީ އެކަލާންގެ ކަމަށެވެ.

އަދި ފުޓްބޯޅަ މެޗެއްގައި ލަނޑެއް ޖެހުނަސް، މެޗަކުން މޮޅުވިޔަސް އެއީ މާތް ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން ލިބޭ ކާމިޔާބެއް ކަމަށާއި، އެހެންކަމުން އެންމެ ފުރަތަމަ އިސްކަމެއް ދޭން ޖެހޭނީ މާތް ﷲ އަށް ވަކީލްކޮށް ހަމްދުކުރުމަށް ކަމަށް އޭނާ ބުންޏެވެ.

މެޗެއްގައި ލަނޑު ޖެހުމަށް ފަހު އެއް އަތުން މޭމަތީގައި އަތް އަޅައި، އަނެއް އަތުގެ ސަހާދަތް އިނގިލި މައްޗަށް ހިއްލައިގެން ކުރާ ގޯލް ޝެލެބްރޭޝަންއާއި ގުޅޭގޮތުން މީޑިއާއިން ކުރި ސުވާލުގެ ޖަވާބުގައި އަރްދާ ބުނީ އެއީ ގޯލު ޖެހުމަށް މިންވަރުކުރެއްވި މާތް ﷲ އަށް ވަކީލްކުރަނީ ކަމަށެވެ. އެކަލާންގެއަށް ހަމްދުކޮށް ޝުކުރުކުރަނީ ކަމަށެވެ. އެހެނީ އެ ގޯލް މިންވަރު ކުރެއްވީ މާތް ﷲ ކަމަށް ވާތީއެވެ.

” އަހަރެންނަށް އެނގޭ ކޮންމެ ކާމިޔާބީއެއްވެސް މިންވަރުކުރައްވަނީ ކާއިނާތުގެ ވެރި މާތް ﷲ ކަން. އެހެން ކަމުން އަހަރެންނަށް ލަނޑެއް ޖެހުނަސް އެކަން ވެސް މިންވަރު ކުރައްވަނީ ﷲ ކަން. އެހެންވެ އަހަރެންގެ “ގޯލް ޝެލެބްރޭޝަން” ބިނާކޮށްފައި ވަނީ މާތް ﷲ އަށް ތަވައްކަލް ކުރުމަށް.” މީޑިއާއާއި ވާހަކަ ދައްކަމުން 19 އަހަރުގެ އަރްދާ ގުލާ ބުންޏެވެ.

އަރްދާ ގުލާއަކީ މިވަގުތު ޔޫރަޕްގެ އެންމެ މަތީފަންތީގައި ވިދަމުން އަންނަ ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ މިވަގުތު ކުޅެމުން އަންނަނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެންމެ ފަހުން ޖޯޖިއާއާއި ދެކޮޅަށް ތުރުކީ ކުޅެ މޮޅުވި މެޗުގައި ތުރުކީގެ ދެވަނަ ލަނޑު ޖަހައިދިނީ އަރްދާ ގުލާއެވެ.

2023 ވަނަ އަހަރު ފެނަބާޗޭއިން ރެއާލް އާއި ގުޅުނު އަރްދާ ވަނީ މިހާތަނަށް ރެއާލް އަށް ކުޅުނު 10 މެޗުގައި 6 ގޯލު ޖަހައިދީފައެވެ. އަދި ތުރުކީ ގައުމީ ޓީމަށް ކުޅެދިން 8 މެޗުގައި ދެ ގޯލުޖަހައިދީފައިވެއެވެ.