English Edition
Dhivehi Edition

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުޅުން ރޭ ފެށިއިރު، ރޭގެ ފުރަތަމަ މެޗުގައި ސްކޮޓްލަންޑް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު ކާމިޔާބުކޮށް ޖަރުމަނުން ހިތްގައިމު ފެށުމެއް ހޯދައިފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗު ޖަރުމަނުން ކާމިޔާބުކުރީ ސްކޮޓްލެންޑާ ވާދަކޮށް 5-1 ގެ ނަތީޖާއިން ނެވެ.

މެޗު ފަށައިގެން ވެސް ރަނގަޅަށް ކުޅުނު ޖަރުމަނުން ދިޔައީ މެދު ކެނޑުމެއް ނެތި އެޓޭކްތައް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 10 ވަނަ މިނިޓްގައި ފްލޮރިއަން ރިޒް ވަނީ ޖަރުމަނަށް ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދައިދީފައެވެ. ޑީ އޭރިޔާ ތެރޭގައި ހުރި ފްލޮރިއަން ފަޔަށް ކިމިޗް ނައިދިން ބޯޅަ އެއް ފަހަރުން ފޮނުވާލުމުން ގޯލަށް ވަނީ ކީޕަރުގެ އަތިގައި ޖެހިފައި ގޮސް އަރިމަތީ ދަނޑިގައި ޖެހިފަ އެވެ. ޖަރުމަނުގެ ދެވަނަ ލަނޑު ޖެހީ ޖަމާލު މުސިއާލާ އެވެ. ޕެނަލްޓީ ސްޕޮޓް މަތިން ކަހަލަ ގޮތަކަށް ޖަމާލު މުސިއާލާ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ މަތީ ދާގަނޑުގައެވެ. މިއީ 20 ވަނަ މިނިޓްގައި ކައި ހަވާޓްޒް ސީދާ މުސިއާލާ ފަޔަށް ޖައްސާލުމުން އިތުބާރާއެކު ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ޖަރުމަނުގެ ތިންވަނަ ލަނޑަކީ އޭރިޔާ ތެރެއިން ގުންޑޮގާންއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ކައި ހާވަޓްޒް ޖެހި ލަނޑެކެވެ. މިއީ ކިމިޗް ދިން ހިތްގައިމު ބޯޅަ ގުންޑޮގާން ބޮލުން ފޮނުވާލުމުން ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު ގުންޑޮގާން ދެވަނަ ފަހަރަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ގޯލް އޭރިޔާ ރޮނގުމަތިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ދިނީ ވިއޭއާރުން ބެލުމަށްފަހު އެވެ. ޕެނަލްޓީ ދިނުމުގެ އިތުރުން ރެފްރީ ވަނީ ފައުލް ކުރި ސްކޮޓްލެންޑް ޑިފެންޑަރ ޕޯޓެއޮސް އަށް ރަތްކާޑް ދައްކާފައެވެ.

ޖަރުމަނުގެ ހަތަރު ވަނަ ލަނޑު ޖެހީ ދެވަނަ ހާފްގައި ކުޅެން ނިކުއިން ނިކްލަސް ފުލްކްރަގް އެވެ. 63 ވަނަ މިނިޓްގައި ކުޅެން ނިކުމެ އޭނާ ލަނޑު ޖެހީ 67 ވަނަ މިނިޓްގައެވެ. އޭނާ އުންޑައެއްހެން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލްގެ މަތީ ކަނަށެއެވެ. އެބޯޅަ މަތަކުރަން ސްކޮޓްލެންޑް ކީޕަރަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އޭނާ ކުޅެން ނިކުތީ ކައި ހާވާޓްޒްގެ ބަދަލުގައެވެ.

ފުލްކްރަގް ދެވަނަ ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު ވާތުފައިން ފޮނުވާލި ބޯޅަ ކީރު އަތުގައި ޖެހިފައި ގޯލަށް ވަނުމުން އުފާފާޅުކުރި ނަމަވެސް ރެފްރީގެ ނިންމުން އައީ ލަނޑެއް ނޫން ކަމަށެވެ.

ޖަރުމަނުން ހަތަރު ލަނޑު ޖެހިފަހުން ސްކޮޓްލެންޑަށް ސުން ކަނޑުވާލެވުނީ ޖަރުމަނުގެ ޑިފެންޑަރ އެންޓޯނިއޯ ރުޑިގާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިއީ ޖަރުމަނު ހާފް ތެރެއިން މެދުރޮނގާ ކައިރިން ސްކޮޓްލެންޑަށް ލިބުނު ހިލޭ ޖެހުމަކުން އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބޮލުން ބައިކޮޅަށް ފޮނުވާލެވުނު ބޯޅައެއް ގޯލަށް ވަދެގެން ޖަރުމަނަށް ލިބުނު މާޔޫސްކަމެކެވެ. މިއީ މުޅި މެޗުގައިވެސް ޖަރުމަނު ގޯލާ އަމާޒުވި ހަމައެކަނި ބޯޅަ އެވެ.

ޖަރުމަނުގެ ފަސްވަނަ ލަނޑު ޖެހީ ދެވަނަ ހާފްގައި ކްރޫޒްގެ ބަދަލުގައި ކުޅެން ނިކުއިތް ކޭން އެވެ. ޑީއޭރިޔާ ރޮނގުމަތިން ތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ.

މުބާރާތުގައި ދެން ޖަރުމަނަށް މެޗެއް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުގައެވެ. އެ ދުވަހު ޖަރުމަން ނުކުންނާނީ ހަންގޭރީއާއި ދެކޮޅަށެވެ.