English Edition
Dhivehi Edition
ބެލްޖިއަމް ގައުމީފުޓްބޯޅަ ޓީމް/ ފޮޓޯ: ޕެޑީޕަވަރ ނިއުސް

ބެލްޖިއަމްގެ ފުޓްބޯޅައިގައި މިހާރު ތަޖުރިބާ ކުރަމުން ދަނީ އެ ގައުމުގެ ފުޓްބޯޅައިގެ ރަން ޖީލުގެ ދުވަސްތެކެވެ. ޔޫރަޕްގެ ފުޓްބޯޅައިގައި ވަރުގަދަ ނަމަކަށް ބެލްޖިއަމް ވެގެން ދިޔައީ އެ ކުޅުންތެރިންގެގެ ސަބަބުންނެވެ. ދުނިޔޭގެ ފެންވަރުގެ ތަރިން ބެލްޖިއަމްއިން އުފައްދައިފި އެވެ. އެހެން ނަމަވެސް ބެލްޖިއަމް އަކީ ޔޫރަޕް ފުޓްބޯޅައިގައި މާ ބޮޑެތިކާމިޔާބީތަކެއް ހޯދިފައިވާ ގައުމެއް ނޫނެވެ. މޮޅެތި ކުޅުންތެރިން އުފެދުނު ނަމަވެސް މާ ރަނގަޅު ނަތީޖާތަކެއް ނުރެވޭ ޓީމެއް ނޫނެވެ.

ބެލްޖިއަމް އަކީ ގަވައިދުން ޔޫރޯއަށް ކޮކިފައިވާ ގައުމެއް ވެސް ނޫނެވެ. އެގައުމުން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 1972 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގައި އެގައުމުން ސެމީއާއި ހަމައަށް ދަތުރުކޮށްފައިވެއެވެ. އޭގެ ފަހުން 1980 ވަނަ އަހަރު އިޓަލީގައި ބޭއްވުނު މުބާރާތުގައި އެއްކޮޅުން ފައިނަލް ކުޅެފައިވެއެވެ. ނަމަވެސް ތައްޓާއި ހަމައަށް ފޯރާވަރެއް ނުވިއެވެ. ދެން ވާދަކުރި ދެ މުބާރާތުގައިވެސް ބެލްޖިއަމް ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތާއި އެންމެފަހުން 2020 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ކުއާޓާއަށް އެ ޓީމު ދަތުރުކުރިއެވެ.

އިޓަލީގައި 1980 ގައި ބޭއްވި ޔޫރޯގެ ފައިނަލަށް ދަތުރު ކުރި ބެލްޖިއަމްގެ މިފަހަރުގެ ޓާގެޓަކީ އެ މުބާރާތް ކާމިޔާބު ކުރުމެވެ.

ކޮލިފައިވީ ގޮތް

ޔޫރަޕް ކޮލިފައިން ބުރުގައި ބެލްޖިއަމް ލައްވާލީ ގުރޫޕް އެފްގައެވެ. އެ ގުރޫޕުގައި ބެލްޖިއަމްގެ އިތުރުން ސްވިޑުން އާއި އޮސްޓްރިއާ އަދި، އަޒަރަބައިޖާން، އާއި އެސްޓޯނިއާ ހިމެނުނެވެ. ކޮލިފައިންގައި އަށް މެޗު ކުޅުނުއިރު، ހަ މެޗުން މޮޅުވިއެވެ. ދެމެޗުން އެއްވަރުވިއެވެ. މެޗަކުން ބަލިވެފައެއް ނުވެއެވެ. ކޮލިފައިން ގުރޫޕުގެ އެއްވަނަ ބެލްޖިއަމްއިން ހޯދީ 20 ޕޮއިންޓާއި އެކުގައެވެ.

މުހިންމު ކުޅުންތެރިން

ބެލްޖިއަމް ޓީމުގެ މިހާރު އެންމެ މުހިންމު ކުޅުންތެރިޔަކީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑާ ކެވިން ޑި ބްރޭނާ އެވެ. ގިނަ ބަޔަކު އޭނާ ފާހަގަ ކުރަނީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރުގެ ގޮތުގަ އެވެ. ހާއްސަކޮށް ޕެޕް ގާޑިއޯލާގެ ކޯޗް ކަމުގެ ދަށުން އޭނާ ހޯދަމުންދާ ކުރިއެރުން ފާހަގަ ވެއެވެ. ބެލްޖިއަމް ޓީމުގެ ކެޕްޓަން އަކީވެސް އޭނާގެ. އުމުރުން 32 އަހަރުގެ މިޑްފީލްޑަރު ބެލްޖިއަމް ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުގައެވެ. އޭގެފަހުން މިހާތަނަށް ކުޅެދިން 101 މެޗުގައި 27 ގޯލު ޖަހާދީފައިވެއެވެ.

ކޮލިފައިންގައި ބެލްޖިއަމަށް އެންމެ ގިނަ ލަނޑު ޖަހައިދިން، ވައިސްކެޕްޓަން ރޮމެލޫ ލުކާކޫ އަކީ ބެލްޖިއަމްގެ އެންމެ ހެވީ ވެއިޓް އެއް ނަމެވެ. ޔޫރަޕްގެ ބޮޑެތި ކުލަބުތަކަށް ކުޅެ ތަޖުރިބާ ލިބިފައިވާ ލުކާކޫ އަކީ ބެލްޖިއަމްގެ މުޅި ފޯވާޑް ލައިން ލީޑުކުރާނެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ރަނގަޅު ފޯމެއްގައި މިވަގުތު ހުރި ލުކާކޫގެ މުހިންމުކަން ބެލްޖިއަމް ޓީމަށް ބޮޑެވެ. މީގެ އިތުރުން އާސެންލަގެ ފޯވާޑް ލިސަންޑްރޯ ޓްރޮސާޑް އަކީ ބެލްޖިއަމްގެ ޓީމުން މިފަހަރުގެ ޔޫރޯގައި ވިދާލާނެ ކަމަށް ބެލެވޭ ތަރިއެކެވެ.

ކޯޗު

އިޓަލީއަށް އުފަން އުމުރުން 38 އަހަރުގެ ޒުވާން ކޯޗު ޑޮމެނިކޯ ޓެޑެސްކޯ އަކީ ތަޖުރިބާ މަދުނަމަވެސް ތަފާތުދައްކައިދީފައިވާ ކޯޗެކެވެ. މިދިޔަ އަހަރު ފެބްރުއަރީ މަހުގައި ބެލްޖިއަމް ގައުމީޓީމާއި ހަވާލުވި ޓެޑެސްކޯގެ އިރުޝާދުގެ ދަށުން ބެލްޖިއަމް މިހާތަނަށް ކުޅުނު 14 މެޗުގެ ތެރެއިން މެޗަކުން ބަލިވެފައެއް ނުވެއެވެ. 10 މެޗު ކާމިޔާޤބުކުރި އިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފައެވެ. ކޯޗިން ކެރިއަރުގައި ބާބޮޑު ތާރީޚެއް ނެތްނަމަވެސް ޔޫރަޕްގެ ބައެއް މަޝްހޫރު ކުލަބުތަކަށް އިރުޝާދުދީފައިވެއެވެ. ނަމަވެސް މާބޮޑު ކާމިޔާބީތަކެއް ހާސިލްކުރެވިފައެއް ނުވެއެވެ.

ގުރޫޕުގައި އޮތް ފުރުސަތު

ބެލްޖިއަމް އަކީ ގުރޫޕް އީގެ ފޭވަރިޓެވެ. މި ގުރޫޕުގައި ދެން ހިމެނޭ ޔުކްރޭން، ސްލޮވޭކިއާ އަދި ރުމޭނިއާ ފަދަ ޓީމުތަކަކީ ބެލްޖިއަމަށް ވުރެ އެތައް ގޮތަކުން ބަލިކަށި ޓީމުތަކެކެވެ. އެހެން ކަމުން ފަސޭހަކަމާއި އެކު ދެވަނަ ބުރުގެ ޖާގައެއް ބެލްޖިއަމް އިން ހޯދަފާނެކަމަށް ބެލެވެއެވެ.