English Edition
Dhivehi Edition
ސިފައިންގެ ފަރާތުން ފަލަސްތީނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާ ކުރުން

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލު ޢާންމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެގައުމުގެ ރައްޔިތުންނަށް އެހީވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސް ނެންގެވުމާއެކު ޕީއެސްއެމްއިން ކުރިއަށް ގެންދާ ޓެލެތޯނަށް ޤައުމީ ދިފާއީ ބާރު — މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވަނީ 2,169,826.32 ރުފިޔާ މިފަންޑަށް ހަދިޔާކޮށްފަ އެވެ. މިއީ މިހާތަނަށް އެއް މުއައްސަސާ އަކުން މި ޓެލެތޯނަށް ހަދިޔާކުރި އެންމެ ބޮޑު އަދަދެއްގެ ފައިސާ އެވެ.

ސިފައިންގެ ފަރާތުން ހަދިޔާކުރި މި ފައިސާގެ އެހީ އެ ފަންޑަށް ހަވާލު ކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހު ގައި މިނިސްޓަރ އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސް ވެސް މި ފައިސާ ހަދިޔާކުރުމުގެ އިވެންޓްގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.
ފައިސާ ހަވާލު ކުރެއްވުމަށްފަހު ޓެލެތޯންގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ފަލަސްތީނުގެ ދިފާއުގައި ވަކާލާތު ކުރައްވާ އިސްލާމީ ލީޑަރަކީ ރައީސް ޑރ. މުއިއްޒު ކަމަށާއި އެމަނިކުފާނު އަޑުއުފުއްލަވަން ލިބިވަޑައިގަންނަވާ ކޮންމެ ފޯރަމެއްގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނާއި މެދު ދިވެހި ރައްޔިތުން ފަހުރުވެރިވާ ކަމަށް ޣައްސާން ވަނީ ވިދާޅުވެފައެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މި ޓެލެތޯން ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށެވެ. މި ޓެލެތޯން މިއަދު ފައްޓަވައިދެއްވީ އެމަނިކުފާނާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ

މިރޭ 12ގެ ނިޔަލަށް ކުރިއަށްދާ މި ޓެލެތޯންގެ ފަންޑު ފޮށިތައް މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް ވަނީ ބަހައްޓާފައެވެ. އެގޮތުން ޕީއެސްއެމް ލޮޖިސްޓިކްސް އޮފީސް ކައިރި، ޕީއެސްއެމް ސްޓޫޑިއޯ 3، އެމްޓީސީސީ ވިލިމަލެ ޓިކެޓް ކައުންޓަރު، އެޗްޑީސީ ހުޅުމާލެ ފޭސް 2 ބަަސް ސްޓޮޕް، ހުޅުމާލެ ހޮސްޕިޓަލް، ވެލާނާަ އެއާޕޯޓް ޑޮމެސްޓިކް ޓާމިނަަލް، އެމްޕީއެލް، އެމްޑަބްލިވްއެސްސީ، ދަރުމަވަންތަ ހޮސްޕިޓަލް، ވެލާނާގެ، އެސްޓީއޯ ޕީޕަލް ޗޮއިސް، އެސްޓީއޯ ހެޑް އޮފީސް، ސްޓެލްކޯ ހިމެނެއެވެ.

އަދި ހަމައެހެންމެ މި ހަރަކާތުގައި ބައިވެރިވުމަށް، ފަންޑު ފޮށިތައް ކައިރިއަށް ނުދެވޭ މީހުންނަށް، އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު މިކަމަށް ހާއްސަ ދެ އެކައުންޓެއް ވަނީ ހުޅުވައިފައެވެ.

  • ދިވެހި ރުފިޔާ – 7730000655865 – ނަން: ފަލަސްތީނާ އެކު ދިވެހީން
  • ޑޮލަރު – 7730000655866 – ނަން: ފަލަސްތީނާ އެކު ދިވެހީން

މިއަދު ކުރިއަށްދާ މި ޓެލެތޯނަށް ދަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.
ފަލަސްތީނަށް އެހީވުމުގައި ދިވެހީންނަކީ އަބަދުވެސް ނަމޫނާ ދައްކާ ބައެކެވެ. ފަލަސްތީންގެ މައްސަލައަކީ ދިވެހިންގެ ހިތާއި ގުޅިފައިވާ މުހިއްމު މައްސަލައެއްކަން މިފަދައިން ބާއްވާ ޓެލެތޯން ތަކަށް ލިބެމުންދާ ބޮޑު ތަރުޙީބުން ދޭހަވެގެންދެއެވެ.