English Edition
Dhivehi Edition
ޓެލެތޯންއިން ލިބުނު ފައިސާ ޚާރިޖީ ވަޒީރާއި ޙަވާލުކުރުން/ފޮޓޯ ޕީއެސްއެމް

ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިދިޔަ ޖޫން މަހު ބޭއްވި ޓެލެތޯންގައި ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚާރިޖީ ވުޒާރާއާއި މިއަދު ހަވާލުކޮށްފި އެވެ. ޓެލެތޯނުން ލިބުނު ފައިސާ ފަލަސްތީނަށް ފޯރުކޮށްދޭނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) މެދުވެރިކޮށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް “ފަލަސްތީނާ އެކު ދިވެހީން” ނަމުގައި ޕީއެސްއެމުން އިންތިޒާމު ކޮށްގެން ބޭއްވި އެ ޓެލެތޯން އޮތީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:00 އިން އެ ރޭގެ ދަންވަރު 12 ޖަހަންދެންނެވެ.

ގައުމީ ފެންވަރުގައި ބޭއްވި ޓެލެތޯނަށް ދައުލަތުގެ އެކި މުއައްސަސާތަކާއި ސްކޫލްތަކާއި އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނެވެ. އެ ޓެލެތޯންގައި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފަނޑުފޮށި ބެހެއްޓި އެވެ. އަދި އޮންލައިން ޓްރާންސްފާ ކުރެވޭ ގޮތަށް ވެސް ހެދި އެވެ.

މި ޓެލެތޯންއަށް މުޅިއެކު 18،418،922ރ. އާއި 49،800 ޑޮލަރު ލިބިފައިވެއެވެ.

އެ ފައިސާ ހަވާލުކޮށްފައި ވަނީ ފޮރިން މިނިސްޓްރީ އަށެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީން ފައިސާއާ ހަވާލުވެވަޑައިގަތީ މިނިސްޓަރު މޫސާ ޒަމީރު އެވެ. ޓެލެތޯނަށް ލިބުނު ފައިސާ ގެ ކަންތައް ބެލެހެއްޓެވީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ “ކްރޯ މޯލްޑިވްސް” އިންނެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް މި ސަރުކާރުން އިތުރު ކުރުމުގެ ގޮތުން އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން މިހާރު ވަނީ ގާނޫނު އިސްލާހު ކުރުމުގެ އަމަލީ މަސައްކަތް ރައްޔިތުންގެ މަޖިލިީހުގައި ފަށައިފަ އެވެ.