މާލޭގެ ގޯޅިއަކަށް “ފަލަސްތީން ހިނގުން” ކިޔަން ނިންމައިފިއެވެ. މިގޮތަށް ކިޔަން ފާސްކުރީ މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެޤައުމާއެކު ރާއްޖެއޮތްކަން އަންގައިދީ، ފަލަސްތީނަށް ރާއްޖޭއިން އޮތް ތާއީދު ހާމަކޮށްދިނުމަށްޓަކައި މާލޭގެ ކޮންމެވެސް ގޯޅިއަކަށް ފަލަސްތީނުގެ ނަމާ ގުޅުވައިގެން ނަން ދިނުމަށް މިދިޔަ މަހުގެ ތެރޭ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ހުށަހަޅުއްވާފައެވެ.
މޭޔަރު އާޒިމް ވިދާޅުވީ މާލޭގައި ނަން ނުކިޔާ ދެ މަގެއް އެބައޮތްކަމަށާއި އެހެންކަމުން އެތަނުން މަގަކަށް ނުވަތަ އެހެން މަގަކަށްނަމަވެސް ފަލަސްތީނުގެ ނަމާއި ގުޅުވައިގެން ނަމެއް ކިޔަން ފެންނަކަމަށެވެ.
“އަޅުގަޑުމެންގެ އުމުރުން މިހާތަނަށް އައިއިރުވެސް ފަލަސްތީނަކީ އަސްލު އަޅުގަނޑުމެންގެ ހިތާ ވަރަށް ގުޅިފައިވާ ތަނެއް. އެހެންވީމަ އަޅުގަނޑުމެންގެ ކޮންމެވެސް މަގަކަށް ފަލަސްތީނު ހިނގުން ނަމަވެސް ކިޔުން ކިހިނެއްތޯ އޭ ފެނިވަޑައިގަންނަވަނީ. މީ ހަމަ ހިޔާލެއް އިނގޭތޯ.” މޭޔަރު އާޒިމް އެޖަލްސާގައި ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން އޭރު ނިންމީ މާލޭގައި ނަން ނުދީ އޮތް ދެމަގުން ކުރެ އެއް މަގަށް އެ ނަމުން ނަން ދިނުމަށެވެ.
އެގޮތުން މިއަދު މިކަމާ ގުޅިގެން ކައުންސިލުން ބައްދަލުވުމެއް ބާއްވާ މަޝްވަރާ ކުރުމަށް ފަހު މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ މަގަށް ފަލަސްތީން ހިނގުން ކިޔަން ވަނީ ފާސްކޮށްފައެވެ.
މި ހުށަހެޅުން ފާސް ކޮށްފައިވަނީ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ.