English Edition
Dhivehi Edition
"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯން ރައީސްގެ ދެކަނބަލުން ފައްޓަވައިދެއްވުން (ފޮޓޯ/ ރައީސް އޮފީސް)

ދިވެހި ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ގައުމީ ފެންވަރުގައި ”ފަލަސްތީނާއެކު ދިވެހީން“ ގެ ނަމުގައި ކުރިއަށް ގެންދާ ޚާއްސަ ޓެލެތޯން މިއަދު ފަށައިފި އެވެ.

އެހެން އިދާރާތަކާއި ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ކުރިއަށް ގެންދާ މިޓެލެތޯން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި މުވައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެން ފަންޑަށް ފައިސާ ހަދިޔާ ކުރައްވާފައިވެއެވެ.

މިރޭ 12:00 ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮއްޓެއް ވަނީ ބަހައްޓައިފަ އެވެ. ފޮށިތައް ބަހައްޓާފައި ހުންނަ ސަރަހައްދުތަކަކީ:

  • ޕީއެސްއެމްގެ ލޮޖިސްޓިކްސް އޮފީސް ކައިރި
  • ޕީއެސްއެމް ސްޓޫޑިއޯ 3
  • ވިލިމާލެ ފެރީ ޓާމިނަލްގެ ޓިކެޓް ކައުންޓަރު
  • ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް
  • ހުޅުމާލެ ހޮސްޕިޓަލް ވަންނަ ދޮރު ކައިރި
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް
  • އެމްޕީއެލް އަށް ވަންނަ ދޮރު ކައިރި
  • އެމްޑަބްލިޔުއެސްސީއަށް ވަންނަ ދޮރު ކައިރި
  • ދަރުމަވަންތަ ހޮސްޕިޓަލުގައި
  • ވެލާނާގެއަށް ވަންނަ ދޮރު ކައިރި
  • އެސްޓީއޯ ޕީޕަލްސް ޗޮއިސްއަށް ވަންނަ ދޮރު ކައިރި
  • އެސްޓީއޯ ހެޑް އޮފީހަށް ވަންނަ ދޮރު ކައިރި
  • ސްޓެލްކޯއަށް ވަންނަ ދޮރު ކައިރި

އެ ފޮށިތަކުގެ ތެރެއިން ޓީވީއެމް ގޯތި ތެރޭގައި ހުރި ފަންޑު ފޮށި ފިޔަވައި އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސެންދެން ހުންނާނެ ކަމަށް ޕީއެސްއެމުން މަޢުލޫމާތު ދެއްވައެވެ. ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި މިރޭ 10:00 އާ ހަމައަށް ހުޅުވާފައި ބަހައްޓަން ވަނީ ނިންމައިފަ އެވެ.

ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ޓެލެތޯނުން ލިބޭ ފައިސާ ފަލަސްތީނަށް ފޯރުކޮށް ދިނުމަށްޓަކައި، އެންމެ ފުރަތަމަ ހަވާލު ކުރާނީ ފޮރިން މިނިސްޓްރީއާ ކަމަށެވެ. އެއަށްފަހު ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް، އަންރުއާ މެދުވެރިކޮށް މި ފައިސާ ފަލަސްތީނަށް ފޯރުކޮށްދެވޭނެ ކަމަށް ޒީނާ ވިދާޅުވި އެވެ.

މިޓެލެތޯންގައި ފޮށިތަކުގެ ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް ފަސޭހައިން އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވައިފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ، 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.