English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ވަޑައިގަތުމުން އެޤައުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އެޤައުމަށް ވަޑައިގަތުމުން ނިއުދިއްލީ ވައިގެ ބަނދަރުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ހިންގުމާ މިވަގުތު އެންމެ އިސްކޮށް ހަވާލުވެ ހުންނެވި މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބާއި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައި ވަނީ މިހިނގާ ޖޫންމަހުގެ 9 ވާ އާދިއްތަ ދުވަހު (މިއަދު) އެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ، 2023 ނޮވެންބަރު 17 ވަނަ ދުވަހު އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިއަދު ހުވާ ކުރައްވާ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ، ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގަންނަވާ މިއީ ތިންވަނަ ދައުރެވެ.